ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމާ އެކު ރާއްޖޭގައި 43 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި އެވެ.

މި ޕްރޮޖެކްޓް ރަސްމީކޮށް ފެށިކަން އިއުލާންކޮށްފައިވަނީ، ރާއްޖެ އާއި އީޔޫގެ ސީނިއާ އޮފިޝަލުންގެ މެދުގައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ހަރަދުކުރަނީ ރާއްޖެއާއި އީޔޫގެ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 2.5 މިލިއަން ޔޫރޯގެ ތެރެއިން ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް ގުޅިގެންކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ފައިނޭންސް ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ އެހެން ކަންކަމުގައި ވެސް ރާއްޖެ-އީޔޫ ގުޅިގެން މަސައްކަތް ކުރުމަށް މިއަދު މަޝްވަރާކުރި ކަމަށެވެ. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރު ވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހި ރުފިޔާގެ އެހީއަކާއި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެ އަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެވޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް އީޔޫ އިން ފާހަގަކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އީޔޫގެ ކަންބޮޑުވުންތަކަށް ރާއްޖެ އިން ހައްލު ގެނެސްފައިވާކަން، ރާއްޖެ އަންނަ އީޔޫގެ ފަންނީ ޓީމުން ފާހަގަކުރާނެ ކަމަށް އުއްމީދު ކުރާކަން އީޔޫ އިން ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ ފަންނީ ޓީމު ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.