މަސްތުވާތަކެތީގެ ހިކި، އޮލަ، ދިޔާ ތަކެތީގެ އަވާގައިޖެހޭ ކުދިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ގަބޫލުކުރަން ބޭނުން ނުވި ކަމުގައި ވީ ނަމަވެސް، މިއީ ހަގީގަތެވެ. ހުޅަނގުގެ ގައުމުތަކުގައި ހަދާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު އުމުރުން 12 އަހަރަށް އެޅުމާއެކުހެން މަސްތުގެ ވަބާގެ އެކި ފަންތީގައި ޖެހޭ ކުދިންގެ އަދަދު މިލިއަނުން ގުނާލެވެއެވެ.

ސްމާޓްފޯނާ އެނޫންވެސް އެފަދަ ވަސީލަތެއްގެ އެހީގައި، ހުޅަނގުގެ ސަގާފަތް މިއަދު މިއޮތީ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް އާންމުވެފައެވެ. މަސްތުގެ ހާލުގައި ތިބޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާއިރު، އެކަމާ އަލަށް ގުޅޭ ކުދިންގެ އަދަދުވެސް އިތުރުވުމުގެ ބިރުވެރިކަން އިންތިހާއެވެ. ނަމަވެސް، މިއީ ދުރާލާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ އަންނަން އޮތް ޖީލުތައް އެކަމުން ސަލާމަތް ކުރެވިދާނެ ކަމެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ކުޑަކުދިންގެ ޅަ ސިކުންޑިތައް މަސައްކަތްކުރާ ގޮތުގެ ތަޖުރިބާކާރު ތެރަޕިސްޓް ޖޯން ސީވާކް ވިދާޅުވާ ގޮތުގައި އަދުގެ ކުޑަކުދިންނަކީ ތެދުވެރި ކަމާއެކު އެކުދިންނާ ވާހަކަދައްކާ، އެކުދިންނަށްވެސް އެފަދަ ވެއްޓެއްގައި ވާހަކަދައްކަން ބޭނުންވާ ކުދިންނެވެ. އެހެންކަމުން މިފަދަ މާހައުލެއް ގާއިމުކޮށްދެއްވިއްޖެނަމަ ދަރިފުޅުގެ މުސްތަގުބަލު، މަސްތުގެ ބަނަކަމުން ސަލާމަތްކުރުމުގެ ފުރަތަމަ ފިޔަވަޅު އެޅުނީ ކަމުގައި ބެލިދާނެއެވެ.

ދުރާލާ ފެށުން

ތަޖުރިބާކާރުން ބުރަވާ ގޮތުގައި އެކުވެރިންގެ ތެރެއިން މަސްތުވާތަކެތީގެ މައުލޫއަށް ކުއްޖާ ލޯހުޅުވުމުގެ ކުރިން، އެ ކަމުގެ ވާހަކަ ދަރިފުޅާ ދައްކަންވީ ބަޔަކީ މައިންބަފައިންނެވެ. އެކުވެރިންގެ ތެރެއިން އަންނަ ނުރަނގަޅު ނުފޫޒަކީ ކަނޑައެޅިގެން އެ މަގުސަދުގައި ފޯރުވާ ނުފޫޒަކަށް ނުވި ކަމުގައި ވީ ނަމަވެސް، އެކުވެރިންގެ ފަރާތުން ނުރަނގަޅު މައުލޫމާތު ލިބުން، ނުވަތަ އާއިލީ ވަބާއެއްގައި ޖެހިފައި ހުރި ކުއްޖެއްގެ ފަރާތުން ސީދާ އަމަލު ހިންގުމުގެ ނުފޫޒަށް ކުއްޖާ އަހުލުވެރިވުމުގެ ކުރިން، އެކަމުން ދުރުކުރުވުމަށް ފިޔަވަޅު އަޅަންވީ ކުއްޖާގެ އަމިއްލަ ވެށީގެ ތެރެއިން، އެކުއްޖާގެ މައިންބަފައިންނެވެ. ނުވަތަ އެ ޒިންމާ ނެގޭ ވަރުގެ މީހެކެވެ.

ކަސްޓަމްސުން އަތުލައިގެން މަސްތުވާތަކެތި

ޅަ އުމުރެއްގައި މައިންބަފައިންނާއެކު އިތުރުބާރު ހިފޭ ވެއްޓެއްގައި މިފަދަ ވާހަކަތައް ދެއްކޭކަމަށް ވަނީނަމަ، މަސްތުވާތަކެއްޗާ ގުޅިގެން ސްކޫލް ނުވަތަ އެނޫންވެސް ގޮތަކުން ދަރިފުޅަށް ލިބޭ މައުލުމާތު، މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ހިއްސާކުރަން ފަށާނެއެވެ. މިއީ، އެފަދަ މާހައުލަކުން ދަރިފުޅު ދުރުކުރަންޖެހޭ ކަމަށް ވަގުތު އޮއްވާ ލިބޭ އިންޒާރެއް ކަމުގައިވެސް ބެލިދާނެއެވެ.

އުމުރާ އެކަށީގެންވާ ވާހަކަދެއްކުން

ޅައުމުރުގައި މަސްތުވާތަކެތީގެ ވާހަކަ ދަރިފުޅާ ދެއްކުމޭ ބުނާ ބަހުގެ މާނައަކީ އެ ވަބާގެ ހުރިހާ ތަފްސީލެއް ދަރިފުޅަށް ދިނުމެއް ނޫނެވެ. ނަމަވެސް ޕްރީ ސްކޫލް އުމުރުން ފެށިގެންވެސް މި ވާހަކަތައް ދަރިފުޅާ ދެއްކިދާނެއެވެ. އެގޮތުން ދަރިފުޅަށް ވިޓަމިން ބޭސް ނުވަތަ ގުޅަ ބޭހެއް ދޭއިރު، އެއްވެސް ކަހަލަ ބޭހެއް ބޭނުން ކުރަންވާނީ، މައިންބަފައިންގެ އަތުން ލިބުމުން އެކަނި ކަން ދަރިފުޅަށް ބުނެދެވިދާނެއެވެ. ހަމަ މިފަދައިން އާއިލާ މީހުންދޭ "ބޭހަކީ" ދަރިފުޅު ބޭނުންކުރަންޖެހޭނެ ބޭހެއް ނޫންކަންވެސް ބުނެދެވިދާނެއެވެ. މިގޮތަށް ކިޔައިދޭއިރު، ދަރިފުޅަށް ލިބިދާނެ ގެއްލުންތައް، މިސާލަކަށް އިތުރަށް ބަލުވުން ކަހަލަ ކަމެއް ވެދާނެ ކަމަށްވެސް ބުނެދެވިދާނެއެވެ.

ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކައިގެން ބިރު ނުގަންނަވާ

ކަސިޔާރު މަގަކުން ދެވިއްޖެނަމަ ކުރިމަތިވެދާނެ ބިރުވެރިކަމުގެ ވާހަކަ ހައްދުފަހަނައަޅާ ވަރަށް ނުދައްކާށެވެ. އަދި ކަމާ އެކަށީގެން ނުވާ ބިރުވެރި ގޮތް ގޮތަށް ހާލަތުވެސް ސިފަކޮށްނުދޭށެވެ. ނަފްސާނީ ބަލީގެ ތަޖުރިބާކާރުންވެސް ބުރަވާ ގޮތުގައި ދަރިން ބިރުގަންނަވައިގެންވާނެ ފައިދާއެއް ނޯންނާނެއެވެ.

މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފި / ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވަބާގައިޖެހުމަކީ ބައްޔެއްކަން އަންގައިދޭށެވެ. އަދި އެކަމުން ފަރުވާ ލިބެން އަންނަނީ އަމިއްލައަށް މަސައްކަތްކޮށްގެން ކަންވެސް ބުނެދޭށެވެ. ނަމަވެސް އެ ބައްޔަކީ، ނުޖެހި ސަލާމަތްވެވޭ ބައްޔެއްކަންވެސް އަންގައިދޭށެވެ. އަދި އެބަލުން ދުރުގައި ހުރުމަށް ހިތްވަރު ދޭށެވެ.

ދަރިފުޅުގެ އިޝާރާތްތަކަށް ފާރަވެރިވުން

މިކަން ކުރަންވާނީ ދަރިފުޅުގެ މިނިވަންކަން އުނިކަން ނުލިބޭ ގޮތަށެވެ. އަދި ބެލެނިވެރިޔާއާއި މެދު ދަރިފުޅުގެ ހިތުގައި ނަފުރަތުވެސް ނުއުފެދޭ ގޮތަށެވެ. ދަރިފުޅުގެ ދިރިއުޅުމަށް އަންނަ ކުޑަކުޑަ ބަދަލަކުންވެސް ބޮޑު އިންޒާރެއް ލިބިދާނެއެވެ. ނުވަތަ ހެދޭ ކުޑަ ގޯހަކުން، ނޭދެވޭ ބޮޑު ހައިޖާނެއް ފެށިދާނެއެވެ.

މަސްތުގެ ވަބާގެ ވާހަކަތައް މުޖުމައުގައި ކެނޑިނޭޅި ދައްކަމުންދާއިރު، ނުވަތަ މަޝްހޫރު މީހަކު އެ ވަބާގައި ނެތިދިޔަ ވާހަކަތައް ފެންމަތިވާ ވަގުތު ދަރިފުޅަށް ވިސްނައިދޭށެވެ. އަމިއްލައަށް އެކަމާ ހޯދުންތައް ހޯދަން ދަރިފުޅަށް ފުރުސަތު ނުދީ، އެކަށީގެންވާ މީހެއްގެ ހާޒިރުގައި އެ ފުރުސަތު ފަހުކޮށްދޭށެވެ.

މިހުރިހާ ކަމެއްގެ މައްޗަށް، އިސްލާމީ ހަމަތަކާ އެއްގޮތަށް ދަރިން ތަރުބިއްޔަތުކޮށް މައިންބަފައިންގެ އާދަތައްވެސް އެގޮތުގައި ބެހެއްޓުމަކީ އެންމެ ބުއްދިވެރި ގޮތެވެ.