މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވާފައި ވާ ޕްލޭންގެ ދަށުން، އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ހުޅަނގު އައްސޭރި ވަންނަ ގޮތަށް، މެދުއިރުމަތީގެ ޗާޓު ކުރެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިސްރާއީލުގެ ޔަހޫދީ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ އިއުލާންކޮށްފިއެވެ.
ކެމްޕޭން ރެލީއެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ ޓްރަމްޕްގެ ޕްލޭނާ އެއްގޮތަށް ހުޅަނގު އައްސޭރި ހިމެނޭ ސަރަހައްދުގެ ޗާޓު އެކުލަވާލުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާ، މިކަން ނިމެނޭއިރު އެބައިވެގެންދާނީ އިސްރާއީލުގެ ބަޔަކަށް ކަމަށެވެ. އަދި މިމަސައްކަތް މުޅިން ނިންމާލުމަށް މާ ގިނަ ދުވަހެއް ނުވާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ހުޅަނގު އައްސޭރިން ގެންދާ ބައިތަކުގެ ތެރޭގައި އެ ސަރަހައްދުގައި އިސްރާއީލުން ގެދޮރު އަޅާފައިވާ ހުރިހާ ހިސާބެއްގެ އިތުރުން، އުރުދުން ވާދީގެ ސަރަހައްދުވެސް ހިމެނެއެވެ. މިއީ 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައަށް ފަހު އިސްރާއީލުން ވެރިވެގެންފައިވާ ސަރަހައްދެއް ނަމަވެސް، ފަލަސްތީނުން އަދިވެސް ވަކާލާތުކުރާ ގޮތުގައި އެއީ އެމީހުންގެ ދައުލަތެކެވެ.
މިކަމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، ފަލަސްތީނުން ގަބޫލުކުރާނެ ހަމައެކަނި ޗާޓަކީ، 1967 ވަނަ އަހަރުގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަހައްދުތައްވެސް ފަލަސްތީނަށް ލިބޭ ގޮތަށް ކުރަހާ ޗާޓަކަށް ވާންޖެހޭނެ ކަމަށާ، އެ ޗާޓުގައި ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފާހަގަކޮށްފައި އޮންނަންޖެހޭނީ ގުދުސް ކަމަށެވެ.
ޓްރަމްޕް އެކުލަވާލެއްވި އާ ޕްލޭންގެ ދަށުން ބައެއް ބިންތައް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދަންޖެހޭއިރު، އެކަން ހަމަޖެހިގެންދާނެ ގޮތެއް އަދި މާ ރަނގަޅަކަށް ސާފެއް ނުވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ޓްރަމްޕްގެ ޕްލޭނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންކަންވެސް ފާހަގަކުރަންޖެހެއެވެ.