ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ގިނަ ގޮންޖެހުންތަކަކާ ކުމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ވެރިކަމުގައި ސާބިތުވެ ހުންނެވިކަމަށާއި އިސްތިއުފާ ނުދެއްވާ ކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އަދި ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކަށް ކުރިމަތިލައްވަން ޖެވިޑައިނުގަންނަވާ މިންވަރަށް ރައީސް ޔާމީންގެ ވެރިކަމުގައި ބޭރުގެ ނުފޫޒު އޮތް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ގައުމުގެ ސިޔާސީ ހުރިހާ ޕާޓީތަކާއި ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ އިދިކޮޅު ބައެއްގެ ގޮތުގައި ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ރާއްޖޭގެ ތާރީހުގައި އެހެން ވެރިއަކަށް ނޯންހެން ރައީސް ޔާމީނަށް ދުނިޔޭގެ އެހެން ގައުމުތަކުން ހާއްސަކޮށް އަވައްޓެރި ގައުމުތަކުންނާއި ކޮމަންވެލްތު ގައުމުތަކުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. ނަމަވެސް ނެގެހެއްޓެވި އެމަނިކުފާނު ގަބޫލުފުޅު ކުރެއްވި ފަލްސަފާއާއި އަދި އޭގެތެރޭގައި ދިވެހިންގެ މަސްލަހަތާއި މިނިވަންކަމާއި އަދި އެއާ ގުޅުންހުރި ކަންތައްތައްވެސް."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

ހަމައެއާއެކު ވެރިކަމުގެ ދައުރުގެ ފަހު ވަގުތުގައި ސަރުކާރުގެ މުއައްސަސާތައް ވެސް އެމަނިކުފާނާ އިދިކޮޅަށް އެނބުރިގަތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވި ކަމަށް ޖަމީލު ވިދާޅުވިއެވެ. އެ ހުރިހާ ގޮންޖެހުން ތަކެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ސާބިތުކަމާ އެކު ވެރިކަމުގެ 5 އަހަރުގެ ދައުރު އެމަނިކުފާނު ފުރިހަމަ ކުރެއްވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދަނީ / ފޮޓޯ ހަސަން އަތޫފް | ދަ ޕްރެސް
"އަސްލު ލީޑާޝިޕްއަކީ ވެރިކަމުގައި ހުންނަވާއިރު ކުރިމަތިވާ ހާސްކަމުގެ ވަގުތުތަކުގައި ސާބިތުކަން ދެއްކުން. އަޅުގަނޑު ދެކޭ ގޮތުގައި ކިތަންމެ ޕޮލިޓިކަލީ ހިޔާލު ތަފާތު ވިޔަސް ރައީސް ޔާމީންގެ 5 އަހަރު ވަރަށް ބޮޑެތި ގޮންޖެހުންތައް އެތެރެއިންނާއި ބޭރުންވެސް ކުރިމަތިވިއިރު ސާބިތުކަމާއެކު ހުންނެވީ. މަގާމު ދޫކުރައްވާ ވަޑައެއްނުގަންނަވާ."
ޑރ. މުހައްމަދު ޖަމީލު އަހުމަދު

ރައީސް ނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވަމުން ޖަމީލު ވިދާޅުވި، ގައުމެއްގެ ވެރިކަމާ ހަވާލުވުމަކީ ބިޔަ އަދި ބޮޑު މަސްއޫލިއްޔަތެއް ކަން އެނގިވަޑައިގަންނަވަން ޖެހޭ ކަމަށާ، ވެރިކަމުގައި ގިނަވާނީ މާޔޫސްކަމާއި، ނުތަނަވަސްކަމާއި، ހާސްކަމާ ކުރިމަތިލައްވަން ޖެހޭ ވަގުތުތައް ކަމަށް ޖަމީލު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ އަތްޕުޅުގައި ހުރިހާ ބާރެއް އޮންނަން ނުޖެހުނު ނަމަވެސް އެ ހުރިހާ ބާރެއް ވެރިކަމުގައި ހުންނަވާ ފަރާތުގެ އަތްޕުޅުގައި އޮވެ ދެތިން ތަނަކުން މީހުން ނުކުތުމުން ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އަސްލު ލީޑާޝިޕްއަކީ ވެރިކަމުގައި ހުންނަވާއިރު ކުރިމަތިވެވަޑައިގަންނަވާ ހާސްކަމުގެ ވަގުތު ތަކުގައި ސާބިތުކަން ދެއްކެވުން ކަމަށް ޖަމީލު ވިދާޅުވިއެވެ. އޭނާ އެހެން ވިދަޅުވީ، ރައީސް ނަޝީދު ވެރިކަން ދޫކޮށްލެވި ހާދިސާއަށް އިޝާރާތް ކުރައްވަމުންނެވެ.

ކުރީގެ ރައީސް ޔާމީން ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަނީ ލޯންޑަރިންގެ މައްސަލައިގައި ޔާމީނަށް ހުކުމް ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.