ނޮވެލް ކޮރޯނާވައިރަސް ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީއިން ނެރެ އިންޑިއާގެ ދިއްލީ ކައިރީގައި ހުންނަ މަރުކަޒެއްގައި ކަރަންޓީނު ކުރި ހަތް ދިވެހިންވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ދިވެހިން އެ ސިޓީން ނެރުމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވެދިން އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ވޫހާންގައި ތިބި ހަތް ދިވެހީން އިންޑިއާއަށް ގެންގޮސްފައި ވަނީ ވޫހާންގައި ތިބި އިންޑިއާގެ 323 ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައެވެ. ވޫހާންއިން އިންޑިއާއަށް ގެންދިޔައީ ދިވެހި ފަސް އަންހެނަކާއި ފިރިހެނަކާއި ކުޑަކުއްޖެކެވެ. އެމީހުން މިހާރު ތިބީ ކަރަންޓީނު ކޮށްފައެވެ.

މާރިޔާ ވިދާޅުވީ އިންޑިއާއިން ހުރިހާ ދިވެހީންނާ މެދު ވެސް އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި، ހަތް ދިވެހީންގެ ޓެސްޓު ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ.

ޗައިނާގައި ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެ ގައުމުގައި އަދިވެސް 43 ދިވެހިން އެބަތިބިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިމަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރުވެސް ޗައިނާގައި 43 ދިވެހިން އެބަތިބި ކަމަށާ އެ މީހުންގެ ހާލު ބަލަމުން ގެންދާ ކަމަށެވެ.

އަދި އެ މީހުންނަށް ރާއްޖެ އާދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް މޯލްޑިވިއަންއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވުހާންގައި ތިބި ދިވެހިންގެ އިތުރުން އެހެން ސިޓީތަކުގަިއ ތިބި ދިވެހިންނަށް މޯލްޑިވިއަންގެ ފްލައިޓްގައި ރާއްޖެ އާދެވޭނެ އިންތިޒާމް ހަމަޖައްސާ، ރަޖިސްޓްރީވުމަށް ހުޅުވާލުމުން ރަޖިސްޓަރީ ކޮށްފައިވަނީ އެންމެ ދެ މީހުން ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެކަކު މިހާރު ޗައިނާއިން އަންނަން ބޭނުން ނުވާކަން އަންގާފައިވާ ކަމަށާ އެހެން ކަމުން ސަރުކާރުން ހިލޭ ދިން ފުރުސަތުގައި ރާއްޖެ އަންނަން އެދުނީ އެންމެ ދިވެއްސެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރީނާ ވައިރަސްގައި މިހަތަނަަށް 639 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހިފައިވާ 31،521 މީހުން އެކި ގައުމުތަކުން ތިބި އިރު މި ބަލިޖެހި ރަނގަޅުވެފައިވާ 1607 މީހުން އެބަ ތިއްބެވެ.