ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކޮށް އިންސާފުވެރި ގާނޫނެއްހަދާ އިންސާފު ލިބުމަކީ އުންމީދު ކަމަށް އެޓާނީ ޖެނެރަލް، އިބްރާހިމް ރިއްފަތް ވިދާޅުވެއްޖެއެވެ.

2012 އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އޭރުގެ ސަރުކާރު ވެއްޓުމާއި އެދުވަހުގެ ހިނގި ކަންކަމާ ގުޅިގެން ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް މިއަދަށް އަށް އަހަރު ފުރޭ އިރު، ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއަައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަނަކަމަށް އާރައިގެންފައި ވާނަމަަ އެ މައްސަލަތަށް ބަލާ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

އަދި ތެދު ހާމަކޮށް އެފަދަ އަނިޔާތަށް ތަކުރާރުވުން ހުއްޓުވައި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލް ފާސްކޮށް ގާނޫނަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އަނިޔާ ތަހައްމަލް ކޮށްފައިވާ ބަޔަކަށް އިންސާފު ލިބުމަކީ އުންމީދު ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިންސާފު އަވަހަށް ލިބި ހައްގު އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ލިބުމަކީ އުއްމީދު ކަމަށް ވިދާޅުވެފައި ވާއިރު މިއަދަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިތާ 8 އަހަރު ވާ ދުވަހެވެ. އެކަމާ ގުޅޫގޮތުން ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ތާރީހުގައި އަބަދުވެސް ވާނީ އަނދިރި ދުވެހެއްގެ ގޮތުގައި ކަމަށެވެ.

އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ ފެބްރުއަރީ 7، 2012 ގައެވެ. ނަޝީދާއި އެމްޑީޕީން ސިފަ ކުރާ ގޮތުން އެއީ ބަޣާވާތެކެވެ.

އިންތިގާލީ އިންސާފުގެ ބިލު މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު މަޖިލީހުން ބަލައިގަނެ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީ އަށް ނިސްވަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.