ދަރިއަކު އުފަންވާ ވަގުތަކީ ދެމަފިރިއަކަށް ލިބޭނެ އެންމެ މަތިވެރި އުފަލެވެ. ނަމަވެސް އެ ދަރިފުޅު އުފަންވާ ވަގުތު ކުރެވޭ އުފަލަށް ހުރަސް އެޅި މުޅި ހަޔާތް ބަނަވެގެން ދާ އެތައް މަންމަ އަކާއި ބައްޕައެއް ތިބޭނެއެވެ. ބަނޑުބޮޑާ ދުވަސްވަރު ދިމާވާ މައްސަލަތަކެއްގެ ސަބަބުން ނުވަތަ ކުއްޖާ އުފަންވާ ވަގުތު ދިމާވާ ސިއްހީ މައްސަލަތަކެއްގައި ދުނިޔެއަށް އުފަންވާ ކުދިން މަރާ ހަނގުރާމަ ކުރަން ޖެހުމަކީ މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. ގުދުރަތުން ވާ ކިތަންމެ ކަމެއްގައި ބައެއްގެ އިހުމާލުވެސް ވުމަކީ މި ރާއްޖެއިން ވެސް މަދުން ނަމަވެސް ފެންނަ ހިތާމަވެރި މަންޒަރެކެވެ.

މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ އެއް ވާހަކަ އަކީ އުމުރުން އެންމެ 2 ދުވަހުގެ ތުއްތު ކުއްޖަކު ހިތުގެ އޮޕްރޭޝަނެއް ކުރި ވާހަކައެވެ. މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އުފަންވި ތުއްތު ޔޫންގެ މަންމަ 'ދަ ޕްރެސް' އަށް ޔޫންގެ ވާހަކަ ހިއްސާކުރަމުން ބުނީ އުމުރުން 2 ދުވަހުގައި ކުރި އޮޕަރޭޝަނަށްފަހު ޔޫންގެ ހާލު އަންނަނީ ރަނގަޅު ވަމުން ނަމަވެސް ކޮންމެ ތިންމަހުން އެއްފަހަރު އިންޑިއާއަށް ދައްކަން ދާންޖެހޭ ކަމަށެވެ.

ކުއްޖާއަށް ބަނޑުބޮޑު އިރު ހެދި ސްކޭންތަކުން މައްސަލަތަކެއް ފާހަގަވި ޔޫންއަށް ބަނޑުބޮޑުވެގެން އޭޑީކޭއަށް ދައްކަމުން ދިޔަ ޔޫންގެ މަންމަ ބުނީ ނޯމަލް ކުއްޖަކަށް ބަނޑުބޮޑު އިރު ހަދާ ސްކޭންތަކުގައި އެންބްލިކަލް ކޯޑުގައި އަސްލު ހުންނަން ޖެހޭނީ ދެ އާޓްރީއާއި އެއް ވެއިން ކަމަށެވެ. ނަމަވެސް ބަނޑަށް ހަމަހުގައި ހެދި ސްކޭނުން ދެއްކީ ބޭބީގެ އެންބްލިކަލް ކޯޑުގައި ހުރީ އެއް އާޓްރީއާ އެއް ވެއިން ކަމަށެވެ.

އޭރު ދެއްކި ޑޮކްޓަރަށް އެއީ މައްސަލައެއް ކަމަށް ނުވި ނަމަވެސް އެ މަންމަގެ ހިތް ބުނަމުން ދިޔައީ އެއީ މައްސަލައެއް ކަމަށެވެ. އަދި އޭނާ އަމިއްލައަށް ކުރި ރިސާޗަކުން އެނގުނުގޮތުގައި އެފަދަ މައްސަލައެއް ހުންނަ ކުއްޖެއްނަމަ ކުއްޖާގެ ލިވާ، ފުއްޕާމޭ، ކިޑްނީ ނުވަތަ ހިތުގެ މައްސަަލައެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ މަންމަ ބުނެއެވެ.

ޔޫންގެ މަންމަ ބުނި ގޮތުގައި އައިޖީއެމްއެޗުގައި ހުރި ޑޮކްޓަރަކަށް ދައްކަން ބަދަލު ކުރީ، ކުރިން އޭޑީކޭއިން ބެލި ޑޮކްޓަރުގެ ވާހަކަތައް ގަބޫލު ނުކުރެވުމުން ކަމަށެވެ. ދެން އައިޖީއެމްއެޗުން ހެދި ޓެސްޓުތަކުން ހުރިހާ ކަމެއް ނޯމަލް ކަމަށް ދެއްކި ނަމަވެސް އައިޖީއެމްއެޗުގެ ޑޮކްޓަރު ލަފާދިނީ އަސްލު މައްސަލަ ނޭނގުނަސް ކަމެއްވެދާނެ ކަމަށް ތައްޔާރަށް ތިބުމަށް ކަމަށް ޔޫންގެ މަންމަ ކިޔައިދިނެވެ.

3 މަހުގެ ޔޫން އައިޖީއެމްއެޗުން ހެދި ޓެސްޓު ތަކުގެ ރިޕޯޓު

އައިޖީއެމްއެޗުން ބަނޑަށް އަށް މަހުގައި ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި ބަނޑުގައި ފެންމަދުވަމުން ދިޔަ ކަމަށާއި 36 ހަފްތާ ފުރުނު ފަހުން އެއްވެސް ވަރަކަށް ކުއްޖާގެ ހެދިބޮޑުވާ ކަމަށް ޑޮކަޓަރުންނަށް ފާހަގަކުރެވުނެވެ. އެހެންކަމުން ދެން ޖެހޭނީ ވިއްސަން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

އުފަންވުމަށްފަހު ކުއްޖާގެ ހާލު ސީރިއަސްވެ 2 ވަނަ ދުވަހު ބޮޑު އޮޕަރޭޝަނެއް!

އެގޮތުން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ވިއްސީ ކަމަށާއި އުފަންވިތާ 15 މިނެޓް ވީތަނާހެން ކުއްޖާގެ ހާލު ސީރިއަސް ވީ ކަމަށް އޭނާ ކިޔައިދިނެވެ. ކުއްޖާ އައިސީޔޫއަށް ގެންގޮސް ފުއްޕާމޭގެ މައްސަލަތަކެއް ހުރިތޯ ޓެސްޓު ކުރި ނަމަވެސް ކުއްޖާގެ ފުއްޕާމޭގެ އެއްވެސް މައްސަލައެއް ނެތުމުން ޑރ. އެލީނާ ގެނެސް އެކޯއެއް ހައްދައިގެން ކުއްޖާ ހާލު ސީރިއަސްވެގެން އުޅެނީ ހިތުގެ މައްސަަލައެއް ހުރެގެން ކަމަށް ކުއްޖާގެ މަންމަ ކިޔައިދިނެވެ.

ސައިޑުގަ އިންނަން ޖެހޭ 2 ހޮޅި އިނީ ގުދުރަތުން ލެފްޓް ސައިޑަށް ޖެހިފަ. އެހެންވީމަ ސާފު ލެޔާއި ހަޑި ލޭ ވެސް އެޅެނީ އެއް ފަޅިއަކަށް ކަމަށް ޑޮކްޓަރުން ބުނީ. އެހެންވެ ލަންގްސް ވެސް އިނީ ސްޓިފްވެފަ. ޑޮކްޓަރުން ދިނީ 72 ގަޑިއިރު. އޮޕަރޭޝަން ނުކޮށްފިއްޔާ ދުނިޔޭގަ ނޯންނާނޭ ބުނީ
ޔޫން މަންމަ

ޓެސްޓު ހެދުމަށްފަހު ޑޮކްޓަރު ދިން ލަފައަކީ 72 ގަޑި އިރު ތެރޭ ކުއްޖާގެ އޮޕަރޭޝަން ކުރުމަށެވެ. އެހެން ނޫނީ ކުއްޖާ ދުނިޔޭގައި ނޯންނާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. އެހެންކަމުން ވިހައިގެން 24 ގަޑިއިރު ނުވަނީސް އާސަންދައިން އިންޑިއާއަށް ދެވޭނެ ގޮތް ހަމަޖައްސަން އެ ދެމަފިރިން މަސައްކަތް ކުރި ކަމަށް ޔޫންގެ މަންމަ ބުނެއެވެ. އާސަންދަ ލިބިމުގައި ދަތިތަކަކާ ކުރިމަތިވި ކަމަށާއި ބޭބީ ގޮވައިގެން ބޭރަށް ދެވި ފުރާނަ ސަލާމަތް ކުރެވުނީ ހަމަ ކިރިޔާ ކަމަށް އޭނާ ބުނެއެވެ.

ކޮޗިންއަށް ޑައިރެކްޓް ފްލައިޓެއް ލިބެން ނެތުމުން ޓްރިވެންޑަރަމަށް ގޮސް އެމްބިއުލަންސްގައި ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ޔޫން ގެންދެވުނީ ހަމަ ކިރިޔާކަމަށް މަންމަ ބުނެއެވެ. އެ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އައިސީޔޫއަށް ލުމަށްފަހު އޮޕްރޭޝަން ކުރީކަމަށް ޔޫންގެ މަންމަ ބުނެއެވެ. ކާމިޔާބު އޮޕަރޭޝަނަކަށް ފަހު އައިސީޔޫގައި ދަރިފުޅު އެއްހަފްތާ ބޭއްވިއެވެ.

އޮޕަރޭޝަނަށްފަހު 3 މަސް، އިތުރު ޓެސްޓުތައް ހަދަންޖެހޭ ވަގުތު ޖެހިއްޖެ!

މަހެއްހާ ދުވަހު އިންޑިއާގައި ހޭދަކުރުމަށްފަހު އެ ދެމަފިރިން ކުއްޖާ ގޮވައިގެން ރާއްޖެއަށް އައީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކުއްޖާގެ ބަރުދަން އަދިވެސް އިތުރެއް ނުވެއެވެ. ރާއްޖެއަށް އައި އިރު ކުއްޖާގެ ބަރުދަނުގައި ހުރީ 1.6 ކަމަށް ޔޫންގެ މަންމަ ބުނެއެވެ. ކުއްޖާއަށް މިހާރު 3 މަސްވީއިރު ބަރުދަން 4 ކިލޯ އަށް ހަމަވީ މީގެ ދެދުވަސް ކުރިންނެވެ.

އިންކިއުބޭޓާއިން ނެގި ފަހުންވެސް ކުއްޖާއަށް ނޭވާލާން އުނދަގޫ ވެގެން ކުރިން އުޅުނެވެ. ނަމަވެސް މިހާރު އަމިއްލައަށް ނޭވާ ލެވޭ ކަމަށް މަންމަ ބުނެއެވެ. ޔޫން ބެލި ޑޮކްޓަރުން ޑރ.ސުނިލް ބުނާގޮތުގައި ކުއްލިއަކަށް ކަމެއް ގޯސް ނުވާނެއޭ ނުބުނެވޭނެއެވެ. އެހާ ޔަގީންކަމާއެކު ކުއްޖާ ސްޓޭބަލްއޭ ނުބުނެވޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

3 މަހުގެ ޔޫން ހިތުގެ އޮޕްރޭޝަން ކުރަންޖެހިފައިވާކަމުގެ ލިޔުންއިންޑިއާއިން ބެލި ޑޮކްޓަރު ޑރ ސުނިލް ބުނެފައި ވަނީ ކޮންމެ 3 މަހަކުން ދައްކަން ކަމަށް ޔޫންގެ މަންމަ ބުނެއެވެ.

2 މަހުގެ ޔޫން ހިތުގެ އޮޕްރޭޝަން ކުރަންޖެހިފައިވާކަމުގެ ލިޔުން

ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނު ނަމަވެސް ތިން މަހުން އެއްފަހަރު ސްކޭން ކުރުމަށް އިންޑިއާއަށް ދާން ޖެހެއެވެ. ބަލި މީހާއާއި އެހީތެރިއާއަށް އާސަންދައިގެ ހިދުމަތް ދެނީ އަހަރަކު އެއް ފަހަރުއެވެ. އިތުރަށް ދާން ޖެހޭ ނަމަ އާސަންދައިން ޓިކެޓް ދެން ހަމަޖައްސައިދޭނީ ކުއްޖާއަށް އެކަންޏެވެ. ކުއްޖާ ގޮވައިގެން އިންޑިއާއަށް ދާ އިރު ދެމަފިރިން އެކުގައި ދާން ބޭނުންވެއެވެ. ކުއްޖާއަށް ބޭސްފަރުވާ ކުރުމަށް އެ އާއިލާއިން ތިބީ ދީލަތި އެހީތެރިކަމަކަށް ނުހަނު ބޭނުން ވެފައެވެ.

މި ހިނގާ ފެބްރުއަރީ މަހަކީ ބޭސްފަރިވާއަށް ކުއްޖާ ގޮވައިގެން އިންޑިއާއަށް ދާން ޖެހޭ މަހެވެ. އޮޕަރޭޝަނަށްފަހު އެ ކުއްޖާގެ ހަދަންޖެހޭ ޓެސްޓުތައް ހަދަންޖެހޭ ދުވަސް އައިސް ޖެހުނީއެވެ. ޔޫންގެ މަންމައާއި ބައްޕަގެ ލޮލުގެ ނޫރު ހެން ދެކެމުންދާ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ވަނީ ބޭނުންވެފައެވެ. މާލީގޮތުން އެހީތެރިކަން ބޭނުންވެފައިވާ ޔޫންއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް މަންމަގެ ނަންބަރު 9929906 އަށް ގުޅައިގެން ނުވަތަ ވައިބާއިން މެސެޖްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

އަޅުގަނޑުމެން ދިރިއުޅެމުންމިދާ ދުނިޔެއަށް، މި ދިވެހިރާއްޖެއަށް އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ މިފަދަ އެތަށް ވޭނެއް މިފަދަ އެތައް އިމްތިހާނެއް ކުރިމަތިވާ ދުވަހެކެވެ. ބޭނުންވަނީ މައްސަލަތަކާ ކުރިމަތިލުމެވެ. ބޮޑެތި ކަންކަން ކުދި ކަންކަމަށް ބަދަލު ކުރުމުގައި އެންމެންގެ އެހީތެރި ކަމެވެ. ގެއްލިގެންދާ އެންމެ ފުރާނައަކީވެސް ވަރަށް އަގުހުރި ފުރާނައެކެވެ. އުންމީދު ކަނޑާލުމަކީ މުއުމިނުންގެ ސިފައެއްނޫނެވެ.

މާތްﷲ ޔޫންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.