ދީނާ ދުރު ކަންކަން އާންމު ވާނަމަ ހަރުކަށީ ފިކުރު އަތްގަދަ ކުރާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ތިން ފަތުރުވެރިންނަށް ދިން ހަމަލާ ކުށްވެރިކޮށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ، މުސްލިމު މުޖުތަމައެއްގައި ދީނާ ދުރު ކަންކަން އާންމު ވާނަމަ ހަރުކަށި ފިކުރުގެ މީހުން މުޖުތަމައަށް އަތްގަދަ ކުރުމަކީ ގާތް ކަމެއް ކަމަށެވެ. އަދި މިކަން ހުއްޓުވުމަށްޓަކައި ދީނީ ސައްހަ މައުލޫމާތު އުނގަންނައި ދިނުން އާންމު ކުރުން ވަރަށް މުހިއްމު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު 7:00 އާއި 8:00 އާއި ދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ދީފައިވާ ހަމަލާ ފުލުހުން ދަނީ ތަހުގީގު ކުރަމުނެވެ. އަދި އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ 6 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

މި ހަމަލާއާ ގުޅުން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ވަނީ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އެ ވިޑިއޯގައި ވަނީ ދައުލަތުގެ ވެރިން ދެކެ ބިރުން، ޖަލަށް ދާން ޖެހިދާނެތީ ދީން ވިއްކާލި "މުނާފިގު" ޝެއިހުންނަށް އިންޒާރު ދީފައެވެ. އަދި އެ ވީޑިއޯގައި މުސްލިމުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލައިގައި މުއައްސަސާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން ދާއިރު، ދިވެހިންނާއި، ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މީގެ އިތުރުން ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.