ވަޅީން ހަމަލާދީގެން ކުރާފަދަ ޓެރަރިޒަމް ހަމަލާތައް ހުއްޓުވަން ފުލުހުންނަށް ހަތިޔާރު ދޭންޖެހޭ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަަލަ ކުށްވެރި ކުރައްވަމުން ރިޔާޒް ވިދާޅުވީ، ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކުރެވިގެން ކަމަށެވެ. ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސްޕެޝަލް ވެޕަން އެންޑް ޓެކްޓިކްސް، ފުލުހުން ފިސްތޯލް ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރި ވާންޖެހޭ ހާލަތު އައިސްފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ، ވަޅި ހިފައިގެން މީހުން މަގުމައްޗަށް ނުކުމެ އާންމު މީހުންނަށް ހަމަލާދީ ނުވަތަ ފަތުރުވެރިންނަށް ހަމަލާދީގެން ހިނގަމުންދާ މި އަމަލަކީ ކޮންމެ ވިސްނުމެއްގައި ކޮށްފައި އޮތް އަމަލެއް ކަމުގައި ވީ ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
އެގޮތުން ރިޔާޒް ވަނީ ލަންޑަން ބްރިޖުގައި ދިން ހަމަލާގައި އެގައުމުގެ ފުލުހުން ކަންތައް ކުރި ގޮތް ބަލާލުމަށް އެދިވަޑައިގެންފައެވެ. އެހެން ގައުމުތަކުގައި ހިނގާ ކަހަލަ ބޮޑެތި ކުށްތައް ރާއްޖެއިން ވެސް ފެނިގެންދާ ކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ، އެހެެން ގައުމުތަކުގައި ނުވަތަ އެންމެ ޑިމޮކްރެޓިކް ސޮސައިޓީތަކުގައި ވެސް ފުލުހުނަށް އާލާތްތަކާއި ހަތިޔާރުތަކެއް ދީފައި ހުންނަ ކަމަށެވެ.
އެހެންކަމުން އެހެންމީހުންގެ ފުރާނަ ސަލާމަތް ކުރުމައްޓަކައި އަޅަންޖެހޭ ފިޔަވަޅު ފުލުހުންނަށް އެޅޭނީ ފުލުހުނަށް އެކަށީގެންވާ ބާރުދީގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހު 7:00 އާއި 8:00 އާއި ދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ތޫނު އެއްޗަކުން ދީފައިވާ ހަމަލާ ފުލުހުން ދަނީ ތަހުގީގު ކުރަމުނެވެ. އަދި އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ޗައިނާގެ ފަތުރުވެރިއަކަށާއި ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ އަދި އޮސްޓްރޭލިއާ ދެ ބިދޭސީންނަށެވެ. އެ ދެމީހުންނަށް ސީރިއަސް އަނިޔާ ލިބިފައިނުވި ނަމަވެސް މި މައްސަލަ ދަނީ އެތައް ބަޔަކު ކުށްވެރި ކުރަމުންނެވެ.