ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ހަމަލާދިން މައްސަލައިގައި 5 މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން މިކަން ހާމަކުރީ މިހާރު ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގައެވެ.

ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު 7:00 އާއި 8:00 އާއި ދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ދީފައިވާ ހަމަލާ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، އެކަން ފުލުހުން ހާމަކޮށްފައި ވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިކަމާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. ފުލުހުން ބުނީ، ޒަހަމްވި ފަތުރުވެރިންގެ ހާލަތު ރަނގަޅުކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މި ހަމަލާއާ ގުޅުން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ މެސެޖެއްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މުއައްސަސާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން ދާއިރު، ދިވެހންނާއި، ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯގައި ބުނީ، މިއަދުން (އިއްޔެ) ފެށިގެން މިފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.

ދައުލަތުގެ ވެރިން ދެކެ ބިރުން، ޖަލަށް ދާން ޖެހިދާނެތީ ދީން ވިއްކާލި "މުނާފިގު" ޝެއިހުންނަށް ވެސް އެ ވީޑިއޯގައި ވަނީ އިންޒާރު ދީފައެވެ. އެ ވީޑިއޯގައި ވަނީ މުސްލިމުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ވެސް ގޮވާލާފައެވެ.

ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 8:10 ހާއިރު ކަމަށް ބުނެއެވެ. މި ހަމަލާގައި އަނިޔާވެފައި ވަނީ ޗައިނާ ދެ ފިރިހެނުންނަށާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެމީހުންނަށް ހަމަލާ ދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވާއިރު، އަނިޔާވި ތިން މީހުންގެ ތެރެއިން ޗައިނާ އެކަކަކީ ފަތުރުވެރިއެއް ކަމަށާއި އަނެއް ދެމީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.