ކޮރޯނާވައިރަސްއާ ގުޅިގެން 2 މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމީހުން ކަރަންޓީން ކޮށްފައިވަނީ އެ 2 މީހުން ޗައިނާއަށް ދަތުރުކޮށްފައި ވާތީކަމަށެވެ. މިނިސްޓަރު މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އަދި އެމީހުން ކަރަނޓީން ކޮށްފައި ވަނީ ފަރުކޮޅުފުށީގައި ކަމަށާއި އެ ދެ މީހުންނަކީ ދެ ދިވެހިން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އެމީހުން އެ ރަށުގައި ކަރަންޓީން ކޮށްފައި ވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން ނޫންކަމަށާއި އެއީ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި، މިމަހުގެ ތިންވަނަ ދުވަހު ނެރުނު "ޓްރެވަލް އެޑްވައިޒަރީ" އަށް އަމަލު ކުރުމަށް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވީ އިރު މިހާތަނަށް 565 މީހުން މި ބަލީގައި ވަނީ މަރުވެފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.