މިދިޔަ އަންގާރަ ދުވަހުގެ ރޭ ތިން ފަތުރުވެެރިއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ މިއަދު ހެނދުނު 7:50 ހާ އިރު ކުރި ޓްވީޓެއްގައެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ފުލުުހުން ބުނެއެވެ. އަދި އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

މި ހަމަލާއާ ގުޅުން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ މެސެޖެއްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މުއައްސަސާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން ދާއިރު، ދިވެހިންނާއި، ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯގައި ބުނީ، މިއަދުން (އިއްޔެ) ފެށިގެން މިފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.