ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ތެދެއް ކަމަށާއި އިދިކޮޅު ޕާޓީ އަކީ ޑީއާރުޕީ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ ރިޔާސީ ބަޔާން އިއްޔެ މަޖިލީހުގައި އިއްވަވާފައިވާއިރު، އެ ބަޔާނަށް މަޖިލީހުން ޖަވާބު ދެއްވާނެ ބޭފުޅަކު ހޯދަންޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދުދެއްވައި ޖާބިރު ވިދާޅުވީ އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ލީޑަރުކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އިދިކޮޅު ލީޑަރަކަށް ނުވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިދިކޮޅު ލީޑަރަކަށް ނުވެވޭނީ އޭނާއަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓްނަރަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑު މިއީ ދެން އޮޕޮޒިޝަން ލީޑަރުތާ، ކުރިންވެސް އަޅުގަނޑު މަޖިލީސް ރައީސަށް ދެންނެވިން އަޅުގަނޑޭ އޮޕޮޒިޝަން ލީޑަރަަކަށް މި ހުރީ، އަނެއްހެން ރައީސް އެކަން ގަބޫލުކުރުމާއި ނުކުރުން އެއީ އަޅުގަނޑުގެ މައްސަލައެއް ނޫން،" ޖާބިރު ވިދާޅުވިއެވެ.

އެކަމަށް ތާއީދު ކުރައްވައި ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ހަގީގީ އިދިކޮޅު ޕާޓީ އަކީ ޑީއާރުޕީ ކަމަށެވެ. އެމްޑީޕީއާ ހިޔާލު ތަފާތުވި އެތައް ބަޔަކުވެސް ޕާޓީ ހެދި ނަމަވެސް ވައިގަ ހިފާ ގޮތެއް ނުވި ކަމަށެވެ. އަދި ޑީއާރުޕީ ތެރޭންވެސް ވަރައް ގިނަ ޕާޓީ އުފެދުނު ކަމަށާއި ނަމަވެސް ވައިގަހިފާތަނެއް ނުފެނުނު ކަމަށެވެ. ޖާބިރު ވިދާޅުވަނީ ތެދެއް ކަމަށާއި ތާރީހު އިޔާދަވީ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަޖިލީސް ތެރޭގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަނީ އޭނާ ކަމަށެވެ. ޕީޕީއެން އަދި ޕީއެންސީގެ މެންބަރުން މަޖިލީހުގައި ތިއްބެވި ނަމަވެސް، އެ ބޭފުޅުން އެންމެ ރަނގަޅަށް ހަރަކާތްތެރިވެ ވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޕޮޒިޝަންއަކީ ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވާ ފަރާތެއް، އެކަން އަޅުގަނޑު ނޫންތޯ މި ކުޅެނީ، އަޅުގަނޑަކީ ސަރުކާރާއި ކޯލިޝަން ހަދާފައި ހުރި މީހެއް ނޫން،" ޖާބިރު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށްފަހު ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށް ކަމަށެވެ.

ރައީސް ނިސްބަތްވާ އެމްޑީޕީ ފިޔަވައި، ޕީޕީއެމްގެ ފަސް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުން އަދި އެމްޑީއޭގެ ދެ މެންބަރުން މަޖިލިސް ތަމްސީލު ކުރައްވާ ކަމަށެވެ. ނަމަވެސް މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއް ކަމެއް އަދި ކަނޑައެޅިފައިނުވާ ކަމަށެވެ.