މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މި ގައުމު ހަމަ މަގަށް އެޅުވޭނެ ގާބިލުކަން މިސަރުކާރުގައި ނެތްކަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ސައީދު ވިދާޅުވީ މުޅި ދައުލަތް އޮޅުންބޮޅުމުގެ ތެރޭގައި އޮތްކަން ރިޔާސީ ބަޔާނުން އެނގިވަޑައިގެންފި ކަމަށެވެ.
އަދި އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅިގައުމުގެ އިގްތިސާދު ދަށަށް ގޮސްފައިވާ ކަމަށާއި އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލުކަން މިސަރުކާރުގައި ނެތްކަމަށް ވެސް ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ސައީދުގެ އިތުރުން އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން ވަނީ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ ބަޔާން "ވަރަށް ތާފަނާ" ކަމަށެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ރިޔާސީ ބަޔާނާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނަކީ އެއްވެސް އުންމީދެއް ނެތް ބަޔާނެއް ކަމަށާއި އެ ބަޔާނުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ރިޔާސީ ބަޔާނާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ އިދިކޮޅު ޕީޕީއެމުން ރަސްމީކޮށް ރައްދެއް ދޭނީ ވޯޓުފޮށިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، ރިޔާސީ ބަޔާނަށް މަޖިލީހުގެ މެންބަރުން ޖަވާބުދާރީވާން ޖެހެއެވެ. އެގޮތުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެކަން ކޮށްފައެއް ނުވެއެވެ. އެ އަހަރު ރައީސް ވަހީދު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް އެމްޑީޕީން ދެކޮޅު ހެދިފަހުން މިދިޔަ އަހަރުތަކުގައި މަޖިލީސް ހުޅުވުމަށް ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބުދާރީވެފައެއް ނުވެއެވެ.
ރިޔާސީ ބަޔާނަށްފަހު ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރުންނަށް ކަމަށެވެ. ރައީސް ސޯލިހު ނިސްބަތްވާ އެމްޑީޕީ ފިޔަވައި، ޕީޕީއެމްގެ ފަސް މެންބަރުންނާއި ޖޭޕީގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުން އަދި އެމްޑީއޭގެ ދެ މެންބަރުން މަޖިލިސް ތަމްސީލު ކުރައްވައެވެ. ނަމަވެސް މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައެޅިފައި ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.