ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން ފަތުރުވެރިން އައުން މަނާ ކުރުމުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ ދިވެހިންގެ އިގްތިސޯދު ހަރުދަނާ ކުރާ ވާހަކަ ދައްކާއިރު އިގްތިސޯދުގެ މައި ލޭނަރަކީ "ފަތުރުވެރިކަން" ކަމަށެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު މާކެޓު ބޭން ކޮށްފައިވާކަން ޝުޖާއު ވަނީ ފާހަގަކޮށްފައެވެ. އޭނާ ވަނީ އެއީ ކޮރޯނާ ވައިރަހާއި ގުޅިގެން ދުނިޔޭގައި މިހާތަނަށް އެއްވެސް ގައުމަކުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރުގެ ނިންމުމަށް ވަނީ ފާޑު ވިދާޅުވެފައެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އިނގިރޭސި ބަހުން ސްޓޭޓުމަންޓެއް އިއްވާފައެވެ. އެ ސްޓޭޓުމަންޓު އިއްވަމުން އަލީ ވަހީދު ވިދާޅުވީ ރޭގެ ދަންވަރު 00؛00އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް އެކަން ކުރަންޖެހުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އެގޮތަށް ނިންމުމާއި ގުޅިގެން ޓްރާންސިޓް ފްލައިޓަކުންވެސް ޗައިނާ ފަތުރުވެރިއަކަށް މި ދުވަސްވަރު ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އޭގެތެރޭގައި ދިވެހިންވެސް ހިމެނޭނެ ކަމަށެވެ. ދިވެހިންވެސް ރާއްޖެ އަންނަން ބޭނުންވެއްޖެ ނަމަ ސީދާ ދާން ޖެހޭނީ ކަރަންޓީން ފެސިލިޓީއަށް ކަމަށެވެ.

"މި ވަގުތު ސޭފްޓީ އަށް ވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް. މިއީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަލާމަތަށް އަޅުގަނޑުމެން އެޅި ފިޔަވަޅެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ހާލަތު ބަދަލުވާ ގޮތަށް ބަލައި ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަކީ ވަގުތާއި ހާލަތަށް ބަލާފައި ދިވެހި ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެ އަށް ޗައިނާ އިން ސީދާ ދަތުރުކުރާ ފްލައިޓްތައް ހުއްޓާލުމަށް ފަހު އިތުރަށް ބަލަންޖެހޭ ބެލުމުގެ ތެރެއިން ސްކްރީނިން ވެސް ހަރުދަނާ ކުރުމާއި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.