ލޭނު މަސްވެރިކަމަށް ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ދީފައި އޮތް ހުއްދަތައް ބާތިލު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބިދޭސީން ގިނަވަމުން އަންނަ މައްސަލައާއި ބިދޭސީން އެކި މަސައްކަތްތައް ކުރުމުގައި މަސްއޫލުވެ ދިވެހިންނަށް މަސައްކަތް ކުރުމަށް ލިބޭ ފުރުސަތު ކުޑަވަމުން އަންނާތީ އަންނަނީ އެތައް ބަޔަކު ޝަކުވާ ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ތެރެއިންވެސް މިހާރު ބިދޭސީން ބޭނުންކުރަމުން ދާތީ އެފަދަ މައްސަލަަތައް ވެސް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.

ރިއްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ލޭނު މަސްވެރިކަމަށް ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ދީފައި އޮތް ހުއްދަތައް މިހާރު ވާނީ ބާތިލް ކޮށްފައި ކަމަށެވެ. އަދި މިކަން މިފަދައިން ކޮށްފައި ވަނީ ބޮޑު ކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްވެރިންގެ އެހެން ޝަކުވާތަކަށް ވެސް ސަރުކާރުން ހައްލު ހޯދައިދެމުން އަންނަ ކަމަށެވެ. އެގޮތުން މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރޭސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ ކަމަށެވެ.

ހަމައެއާއެކު، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް ކުރެވޭނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށާއި އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް، އަންނަ މާޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.