ގެއެއްގެ ބެލްކަނި ވެއްޓި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހ. ވައިޖެހޭ މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނި ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު 11:11 ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ދެ ބިދޭސީން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ދެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މާލޭ ގެއެއްގެ ބެލްކަނި ވެއްޓި މީހަކަށް އަނިޔާވެއްޖެ / ފޮޓޯ: ޕޮލިސް

ގެއެއްގެ ބެލްކަނި ވެއްޓި ބަޔަކަށް އަނިޔާވެފައި ވާއިރު، މީގެ ކުރިން ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އެގޮތުން، މިދިޔަ ޖޫން 26 ވަނަ ދުވަހު ހ. ރުއްދޮށުގޭ ބެލްކަނި ވެއްޓި، ޖެހިގެން 4 މީހަކަށް އަނިޔާ ވެފައިވެއެވެ. ބެލްކަނި ވެއްޓުނީ މި 4 މީހުން މަގުމަތީގައި ތިއްބައެވެެ. އެ ހާދިސާގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 26 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށް ކަން ވަނީ އެނގިފައެވެ.

މީގެ އިތުރުން، މިދިޔަ ޖުލައި 12 ވަނަ ދުވަހު ވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި ވެއްޓިފައި ވަނީ މާލޭ މާފަންނުގައި ހުންނަ ގެއެެއްގެ ބެލްކަނީ ކަމަށް ފުލުހުން ބުނާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.