މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖޭގައި އިތުރު 2 ފަރާތެއް މޮނިޓާ ކުރަމުން ދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، އެ 2 ފަރާތަކީ ކޮރޯނާ ވައިރަސްއަށް ޝައްކުވާ 2 މީހުން ނޫން ކަމަށާ ނަމަވެސް އެ ވައިރަސް ހުރި ބައެއްތޯ ބެލުމަށް މޮނިޓާ ކުރަމުން ދަނީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އޭނާ ކްލިނިކަލީ ކޮރޯނާއަށް ފެތޭތޯ ބަލައި، ކޮރޯނާގެ އަލާމާތްތަކަށް ފެތޭކަމަށް ވަންޏާ، ވަގުތުން އައިސޮލޭޓް ކުރެވޭނެކަމަށެވެ. އަދި އެފަދަ މީހުން އައިސޮލޭޓްކުރެވި ސާމްޕަލްތައް ނެގޭނެކަމަށާއި، އޭގެ ނަތީޖާ ލިބުމުގެ ކުރިން، އޭނައަކީ ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށް ނުނިންމާ ކަމަށެވެ.
"ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ފެނުމުން ކްލިނިކަލީ ކޮރޯނާއަށް ފެތޭތޯ ބަލައި އެމީހަކު ކޮރޯނާގެ އަލާމާތްތަކަށް ފެތޭކަމަށް ވަންޏާ، އެ މީހާ ވަގުތުން އައިސޮލޭޓް ކުރެވޭނެ. އެފަދަ މީހުން އައިސޮލޭޓްކޮށްފަ ބަހައްޓަނީ އޭނާގެ ސާމްޕަލްތައް ނަގައި، އެ ޓެސްޓު ކުރެވޭނެ. އޭގެ ނަތީޖާ ލިބުމުގެ ކުރިން އޭނައަކީ ކޮރޯނާއަށް ޕޮޒިޓިވް ވެފައިވަ މީހެއް ކަމަށް އަޅުގަނޑުމެން ނުނިންމަން. އެހާ ހިސާބަށް ދަންދެން އަޅުގަނޑުމެން ބަހައްޓާފައި ހުންނަނީ "ސަސްޕެކްޓެޑް ކޭސް" އެއްގެ ގޮތުގަ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިއްޔެ އައިސޮލޭޓް ކުރެވުނު މީހާއަށްވެސް ކްލިނިކަލް ފަރުވާތަކެއް ދޭން ޖެހޭ ވަރަށް ބަލި މީހެއްކަމަށް ފާހަގަކުރެވިފައިނުވާ ކަމަށާއި، ކޮރޯނާގެ އަލާމާތްތައް ފިޔަވައި އޭނާގެ ސިއްހަތު ރަގަޅުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އޭނާއަށް ކްލިނިކަލް ގޮތުން ފަރުވާދޭނެ ޖެހިއްޖެ ހާލަތެއްގައި އައިޖީއެމްއެޗްގެ ކްލިނިކަލް ޓީމުން އަދި ކްލިނިކަލް ފަރުވާގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ އިސް ޓީމާއި، ޑޮކްޓަރުންގެ ލަފަޔާއެކީގަ ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިކަމާއި ގުޅިގެން ރައްޔިތުންނަށް ހުރިހާ މައުލޫމަތެއް ހިއްސާކުރަމުން ގެންދާނެކަމަށާއި، އަދި ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކީގަ މިކަމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.