ހެޕީ މާކެޓުން ހޭންޑް ސެނެޓައިޒާގެ އަގު ހެޔޮކޮށްފި ކަމަށް އުކުންފުނިން ބުނެފިއެވެ.

މިކަމާ ގުޅިގެން ހެޕީ މާކެޓްގެ ފޭސްބުކް ޕޭޖްގައި އެކުންފުނީގެ ސީއީއޯ އަލީ އިހްސާން އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ، މުޅި ދުނިޔެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ވިޔަފާރިތަކުން ސިއްހީ ގޮތުން ރައްކާތެރި ވުމަށް ބޭނުންވާ ޒަރޫރީ މުދާ އަގު ބޮޑުކޮށް ވިއްކުމަކީ، ވިޔަފާރި ކުންފުންޏެއް ހިންގުމުގެ ޒިންމާ އަދާ ކުރާ މީހެއްގެ ހައިސިއްޔަތުން އޭނާ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"މުޅި ދުނިޔެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ވިޔަފާރިތަކުން ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ އަގުބޮޑުކޮށް ވިއްކުމަކީ ވިޔަފާރި ކުންފުންޏެއް ހިންގުމުގެ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ހިތާމަކުރާކަމެއް. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ގޮވާލަން." އިހްސާންގެ ބަޔާނުގައި ވިދާޅުވިއެވެ.

އެގޮތުން ހެޕީމާކެޓުން ރާއްޖެ އެތެރެކޮށް ވިއްކާ ހޭންޑް ސެނެޓައިޒާ ވިއްކޭނެ އެންމެ ކުޑައަގެއްގައި ވިއްކުމަށް އަގު ދަށްކޮށްފައި ވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ސާޖިކަލް މާސްކް ޝިޕްމަންޓެއް އެތެރެކޮށް އޭގެ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ދެެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހެޕީ މާކެޓުން ވިއްކަނީ ސެނިޓައިޒާގެ ފަސްލީޓަރުގެ ފުޅި އާއި 75 އެމްއެލްގެ ފުޅިއެވެ. ކުރިން ފަސް ލީޓަރުގެ ފުޅިއެއް ވިއްކަނީ 1033 ރުފިޔާ އަށެވެ. ނަމަވެސް މިހާރު ވަނީ އެ ސައިޒުގެ ފުޅިއެއް 600 ރުފިޔާއަށް ވިއްކަން ނިންމާފައެވެ. އަދި ކުރިން 154 ރުފިޔާއަށް ވިއްކި 75 އެމްއެލްގެ ފުޅިއެއް ދެން ވިއްކާނީ 120 ރުފިޔާ އަށެވެ. ހެޕީ މާކެޓުން ބުނީ ސެނިޓައިޒާ ފުޅިތައް ވެލާނާގެ ކުރިމައްޗަށް ހުންނަ ހެޕީ މާކެޓްގެ ޝޯރޫމުން ލިބެން ހުންނާނެ ކަމަށެވެ.