ރާއްޖެއަށް މިއަދު ޗައިނާއިން ދަތުރުކުރާ ތިން ފްލައިޓުގައި އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމަށާއި، އެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަނީ ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ފްލައިޓުތައް މެދުކަނޑާލާފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުން އެކަމުގައި އޮޅުވާލާފައިވާ ކަމަށާއި ޗައިނާގެ ސީދާ ފްލައިޓުތައް މިއަދުވެސް ރާއްޖެއަށް ދަތުރު ކުރަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ބައެއް ފަރާތްތަކުން ބުނަމުންނެވެ. އެކަމާ ގުޅިގެން އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޗައިނާގެ މެއިންލޭންޑުން ޑައިރެކްޓް 3 ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދަތުރުކުރާނެ ކަމަށެވެ. އަދި އެ ތިން ފްލައިޓުގައިވެސް އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމަށާއި، އެ ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަނީ ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އަނބުރާ އެގައުމަށް ގެންދަން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މިކަމަށް ރާއްޖޭގައި ހުންނަ ޗައިނާ ސަފީރުވެސް ވަނީ ޖަވާބު ދެއްވާއެވެ. ސަފީރު ވިދާޅުވެފައި ވަނީ ޗަނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކަކީ ރާއްޖޭގެ ރިސޯޓުތަކުގައާއި، ގެސްޓް ހައުސްތަކުގައި ތިބި އެގައުމުގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއް ކަމަށެވެ.

އަދި ދިވެހި ސަރުކާރުން ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ފްލައިޓް ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށާއި ދިވެހި ސަރުކާރުގެ ނިންމުން މިއަދުން ފެށިގެން ބަލައިގަނެ އެކަމަށް އަމަލުކުރަމުން ދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަނުންވެސް ވަނީ މިކަމާ ގުޅިގެން ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ ޗައިނާގައި ފެތުރިފައިވާ ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުން ގައުމީ ފެންވަރުގައި އެކަމަަށް ވެވޭނެ ތައްޔާރީތައް ވެފައިވާ ކަމަށާއި، އެގޮތުން ޗައިނާގެ ފަތުރުވެރިން ރާއްޖެއިން ފޮނުވާލުމުގެ ގޮތުން ޗައިނާއިން ރާއްޖެއަށް ތިން ފްލައިޓު އަންނަ ކަމަށެވެ.

މިއަދު ހެނދުނުގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު 2019-އެންކޯވްއަށް ޕޮޒިޓިވްވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 213 އަށް ވަނީ އަރާފައެވެ.