ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެއެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ބައްޔަށް ޝައްކު ކުރެވޭ މީހާއަކީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ރާއްޖެއިން ކޮރޯނާއަށް ޝައްކުކުރެވޭ މީހާ ވަނީ މި ވޭރުވެދިޔަ 14 ދުވަސް ތެރޭގައި ޗައިނާގައި އޭނާ ދިރިއުޅުނު ސަރަަހައްދުން މީޓް މާކެޓަކަށް ގޮސްފައި ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ގޮސްފައި ވަނީ ޗައިނާގެ ޒިއާމިންގް ސިޓީއިން ކަމަށާއި އަދި އޭނާ ރާއްޖެއަށް އައިސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އޭނާ ރާއްޖެއަށް އައުމުން ސްކްރީން ކުރި އިރު ހުން ނެތް ކަމަށާއި ފަހުންވެސް ޓެސްޓު ކުރި އިރު އޭނާގެ ހުން ނެތް ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން އިތުރަށް ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗް އިން ސްޕެޝަލިސްޓުންގެ ޓީމެއް ގޮސް އޭނާ ބެލި އިރު އޭނާ ހުރީ ރޯގާ ޖެހިފައި ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. ޒިޔާން ވިދާޅުވިއެވެ. އަދި އޭނާގެ ޓެސްޓް ކްލިއާ ކަމަށާއި އޭނާ ރާއްޖެއަށް އައި ގޮތަށް ގޮސްފައި ވަނީ ސީދާ ގެއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ހުރީ ހަމައެކަނި އަރިދަފުސް ރޯގާ ޖެހިފައި ކަމަށާއި އޭނާއަކީ ގޭގައި މަޑުކޮށްގެން ވެސް ފަރުވާ ދެވޭނެ މީހެއް ކަމަށް ޑރ. ޒިޔާން ވިދާޅުވިއެވެ.
އޭނާ އިތުރު ތަނަަކަށް ގޮސްފައި ނުވާ ކަމަށާއި އެހެން ބަޔަކަށް އެކްސްޕޯސް ނުވާ ކަމަށް އަމީން ވިދާޅުވިއެވެ. 20 އަހަރުގެ މީހާގެ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު އާއިލާއަށް ދޭންޖެހޭ މައުލޫމާތުވެސް ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. ޗައިނާއިން އެ ޒުވާނާ ދިޔަ ޕްރޮވިންސްގައި މި ބައްޔަށް ޝައްކުކުރެވޭ ކަމަށް 103 މީހަކު ހުރި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެ ޕްރޮވިންސްގައި ތިބި މީހުންގެ ތެރެއިން މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަދި މިހާރު އޭނާގެ ބްލަޑް ސާމްޕަލް ނަގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެ ދިވެހި ފިރިހެން މީހާ މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައި ކަމަށް އަމީން ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސްއިން ރައްކާތެރިކުރުމަށް ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިހާރު ޗައިނާއިން ރާއްޖެއަށް އަންނަ ޑައިރެކްޓް ފްލައިޓްތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މި މީހާ ރާއްޖެ އައިސްފައި މިވަނީ ރޭގައި ކަމަށް އަމީން ވިދާލުވި އިރު، ޗައިނާގެ ފްލައިޓްތައް ކެންސަލް ކުރި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހެލްތު މިނިސްޓަރު އަމީން ރޭ ބޭއްވެވި ޕްރެސްކޮންފަރެންސްގައި އިއުލާނު ކުރެއްވިކަން ފާހަގަ ކުރެވެއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން މިރޭ 7:00 އިން ފެށިގެން ވެލާނާ އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ހެލް ޑެސްކެއް ވަނީ ގާއިމްކޮށްފައެވެ. އަދި ކޮރޯނާ ވައިރަސް ޖެހިއްޖެ ހާލަތުގައި އެ ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން މި ރޯގާއަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާ ކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް ދެ އައިސޮލޭޝަން ފެސިލީޓީއެއް ހަމަޖައްސާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އެގޮތުން 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފައި ވެއެވެ.
ޢެއީ ތެދެއް
ހުސް ދޮގު ހަދަނީ، މިހާރުވެސް ހުޅުމާލެ ފެސިލިޓީގައި 2 މީޙުން އެބަތިބި. އެކަކު ޝައްކު ވީ ސެނެހިޔާއިން. އަނެކަކު ހުޅުމާލެ ހޮސްޕިޓަލުން. މީ ދޮގެއްތޯ ގޮސް ބަލާބަލަ.