ކުރީގެ ރައީސް، އަބްދުﷲ ޔާމީން ފޭއްސެވި އިލޮށިގަނޑު ހެރުނީ އެމަނިކުފާނުގެ ލޮލަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުތަކާ ޕެރޯލް ގާނޫނަށް ގެނައި އިސްލާހަށް އިޝާރާތް ކުރައްވަމުންނެވެ. އެ އިސްލާހުގައިވާ ގޮތުން، ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި، ސިޔާސީ ޕާޓީއެއް ނުވަތަ ޖަމިއްޔާއެއްގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ އެހެން މަސްއޫލުވެރި ފަރާތެއްގެ ގޮތުން ނުވަތަ އެތަންތަނުން ހިންގާ ހަރަކާތެއްގައި ބައިވެރިވުމުގެ ހައްގު ނުލިބޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ކޮންސެޕްޓަކީ އެ ޕާޓީގެ މެންބަރުން ހިމެނޭ ނަމަވެސް އަމިއްލަ ގާނޫނީ ޝަހުސެއް ކަމަށެވެ. އަދި ވަކި މީހަކު ނެތިގެން ޕާޓީ ނުހިންގޭ ކަމަށް ވަންޏާ އެއީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވެފައި ވާއިރު، މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނު ވަނީ، އިދިކޮޅު ކޯލިޝަނުގެ އަދި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކަންކަން ޖަލުގައި ހުންނަވައިގެން ނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.

އެ އަޑުއެހުމުގައި ރައީސް ޔާމީނަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލުން ވަނީ، ޖަލު ހުކުމެއް ތަންފީޒު ކުރަންވަމުން ގެންދެވުމަކީ، ރައީސް ޔާމީން ނިސްބަތްވާ ޕާޓީގެ ހަރަކާތްތައް ހުއްޓެންޖެހޭ ސަބަބެއް ނޫން ކަން ފާހަގަ ކުރައްވާފައެވެ.