ހަލުވި ކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ބަލިން ރައްކާތެރިވުމުގެ ގޮތުން މިސްކިތްތަކުގައި ގުނޫތު ކިޔުން ލާޒިމްކޮށްފިއެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، ކޮރޯނާ ވައިރަސްއާ ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ގުނޫތު ނާޒިލާ ކިޔުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން ގުނޫތު ނާޒިލާ ދިވެހިރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ކިޔާ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ލުވި ކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅަމުންދާއިރު، ހަމައެކަނި ރާއްޖެއިންވެސް މިހާތަނަށް ހިމަބިއްސަށް 8 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން އާންމުކުރި 'ޑެއިލީ މީސްލްސް އަޕްޑޭޓް' ރިޕޯޓުން ދައްކާ ގޮތުގައި މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 129 މީހުން ވަނީ ހިމަބިއްސަށް ތަހުލީލުކޮށްފައި ކަމަށާއި، އޭގެ ތެރެއިން 24 ގަޑިއިރުގެ ތެރޭގައި އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެހެންކަމުން މި ބައްޔަށް ރާއްޖެއިން ޕޮސިޓިވް މީހުންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ.

ކޮރޯނާ ވައިރަސްއަށް މިހާތަނަށް ރާއްޖެއިން އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވެއެވެ. ނަމަވެސް ޗައިނާގެ ފަތުރުވެރިއަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭކަމަށް ބުނެ ދާދިފަހުންވެސް ވަނީ ސޯޝަލް މީޑިއާގައި އަޑުފެތުރިފައެވެ. އަދި އެ ފަތުރުވެރިޔާއަށް ސިއްހީ ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ސޯޝަލް މީޑިއާގައިވަނީ އަޑުފެތުރިފައެވެ. ނަމަވެސް މިވާހަކަތައްވަނީ އެ ހޮސްޕިޓަލުން ދޮގުކޮށްފައެވެ. މިކަމާއި ގުޅިގެން ކުޑަހުވަދޫ ހޮސްޕިޓަލުން ބުނީ، ދ. ވޮއްމުލިން ޗައިނާގެ ފަތުރުވެރިޔަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް ހެލްތް މިނިސްޓްރީގެ ޓާސްކްފޯސްއާ އެކު ބެލިބެލުމުން ޑަބްލިއޯ އެޗްއޯގެ ގައިޑްލައިންގަވާ ކަންތައްތަކަށް ފެތޭ އެއްވެސްކަމެއް އެ ފަތުރުވެރިޔާގެ ފަރާތުން ފެނިފައިވާ ނުވާ ކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 7،711 އަށް އަރާއިރު، ހަމައެކަނި ޗައިނާ އިންވެސް މަރުވި މީހުންގެ އަދަދު 170 އަރައެވެ.