ކޮރޯނާ ވައިރަސްގެ ކޭސްއެއް ފެންނަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން އެއާޕޯޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ޓޭބަލް ޓޮޕްގެ ނަމުގައި އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ރާއްޖޭގެ ޕޯޓަކުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެންނަ ހާލަތުގައި އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އެފަދަ ހާލަތެއްގައި މަސައްކަތްކުރުމަށް ކަމާ ގުޅުންހުރި ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިހަރަކާތުގެތެރެއިން މިފަދަ ހާލަތެއްގައި ވައިރަސްއަށް ޝައްކުކުރެވޭ މީހާ ފެނުމާއެކު ދެން ކަންތައް ކުރާނެ ގޮތް މިއެކްސަސައިޒެގެތެރެއިންވަނީ ބުނެދީފައެވެ.

މިހަރަކާތް ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެ ފަދަ ނާޒުކު ގައުމަކަށް މިފަދަ ވައިރަސްގެ ސަބަބުން ހުރި ގޮންޖެހުންތައް ބޮޑުކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަށް ވެވޭ ތައްޔާރީއަކީ ހަމައެކަނި އޮތް ސްޓްރެންތްކަމަށެވެ. އަދި ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ މިކަމަށް ތައްޔާރު ވެވިއްޖެނަމަ މިކަމުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް ފުރުސަތުވެސް ބޮޑުކަމަށް ހެލްތު މިނިސްޓާ ވިދާޅުވިއެވެ.

ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ރާއްޖޭގެ ބަނދަރުތަކުގެ ފަރާތުންނާއި ކަމާ ގުޅޭ އެންމެހާ މުވައްސަސާތަތަކުންވަނީ ބައިވެރިވެފައެވެ.