ޗައިނާގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ހިލޭ ޓިކެޓް ދިނުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިލޭ ޓިކެޓް ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ 5 މަންޒިލަކުން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ސަަރުކާރުން ހަމަޖައްސައި ދޭނެކަމަށް ޝާހިދު ބުނެއެވެ.

އެގޮތުން ޗައިނާގައި ތިބި ދިވެހިން އެމްބަސީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

ޗައިނާއިން ރާއްޖެއަށް، ކޮންޗިން އާއި، ޗަންގްޑޫއާއި، ހަންޖޯއާއި، ނަންޖިން އަދި ޗިއާން އިން އަންނަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ހަމަޖެހޭނެއެވެ.

ޗައިނާގައި ދިވެހިން އުޅޭ އިރު މި ވައިރަސް އެންމެ ގަދައަށް ފެތުތެރެމުންދާ ވޫހާންގައި 9 ދިވެހިން އެބަތިބި ކަމަށް ޗައިނާއަށް ކަނަޑައަޅާފައި ހުންނަވާ އެންމެސެޑަރު ވިދާޅުވެއެވެ. އޭގެތެރޭގައި ހިމެނެނީ 8 މީހުންނާއި ކުޑަކުއްޖެކެވެ.

ފޮރިން މިނިސްޓްރީން ދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.