ލޭގައި ގައުމީ ވިންދު ނުޖަހާނަމަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

މިއަދު އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައި ވަނީ، ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދިކަން ނެތް ކަމަށް މާރިޔާ ރޭ ވިދާޅުވުމުންނެވެ. މާރިޔާ އިތުރަށް ވިދާޅުވީ، އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް ލިބޭ ގެއްލުމެއް ނެތް ކަމަށާއި އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް ލިބެނީ ފައިދާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ގައުމަށް ރާއްޖެ ވީ ހިނދު މިއަދު މިކަން ކުރެވެން ނެތްކަމަށް ވިދާޅުވުމަކީ މި ގައުމަށް ކުރެވޭ މަލާމާތެއް ކަމަށެވެ. އަދި މީގެ 45 އަހަރު ކުރިން ދިވެހި ސިފައިންގެ ތެރޭގައި "މަތިންދާ ބޯޓު ދުއްވާ ސެކްޝަން" ނަމުގައި އެއާ ވިންގެއް އޮތް ކަމަށާއި އޭރު ދިވެހި ސިފައިން މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވާ އެ ތަކެތި ބަލަހައްޓާ ހެދި ކަމަށް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، އިބްރާހިމް ނާސިރުގެ ވެރިކަމުގައާއި ކޮލި އަލިމަނިކުގެ މޭސްތިރިކަމުގައި ކުދި މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދިވެހި ދައުލަތުން ގަނެފައިވާ ކަމަށެވެ. އެގޮތުން އެތަކެތި ބަލަހައްޓާ ދުއްވުމަށްޓަކައި ދިވެހި ސިފައިން ތަމްރީން ކުރުމަށް ސްރީލަންކާގެ ރިޓަޔާޑް ޕައިލެޓުން ވެސް އޭރު ރާއްޖެ ގެނެސް ދިވެހި ސިފައިން ތަމްރީން ކުރި ކަމަށެވެ.

އޭގެ އަހަރުތަކެއް ފަހުން އެންއެސްއެސް އެއާ ވިންގް ގެ ނަމަށް ބަދަލުކޮށް ދިވެހި ޕައިލެޓުނާއި އިންޖިނިއަރުންގެ އެހީތެރިކަމުގައި 7 އުޅަނދެއް ދިވެހި ސިފައިން އުދުއްސަމުން ގެންދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ. އެ 7 އުޅަނދު ކަމަށް އުމަރު ފާހަގަކުރެއްވި އުޅަނދު ތަކަކީ، ޕައިޕާ ސެނެކާ ބްރޭންޑްގެ 2 އެއާކްރާފްޓާއި، ޗެރޮކީ ބްރޭންޑްގެ އެއާކްރާފްޓަކާއި، ސެސްނާ ބްރޭންޑްގެ އެއާކްރާފްޓަކާއި، ބެލް 47ޖޭ ބްރޭންޑްގެ 2 ހެލިކޮޕްޓަރުގެ އިތުރުން ސްކައިވޭން ބްރޭންޑްގެ އެއާކްރާފްޓެކެވެ. އަދި 1992 ވަނަ އަހަރުގައި އެންއެސްއެސް އެއާ ވިންގްގައި ހުރި އުޅަނދުތަކާއި ތިބި ޕައިލެޓުންނާއި އިންޖިނިއަރުން އެއާ މޯލްޑިވްސްގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކުރި ހެލިކަޕްޓަރު / ފައިލް ފޮޓޯ: ދަޕްރެސް

މީގެ ކުރިންވެސް އުމަރު ނަސީރު ވަނީ އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ދީފައިވާ ހެލިކޮޕްޓަރުތަކާއި އެ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށާއި އޮޕަރޭޓް ކުރުމަށް ފޮނުވާފައިވާ އިންޑިއާ ސިފައިންގެ މައްސަލަ ނަންގަވާ މި ސަރުކާރަށް ރައްދު ދެއްވާފައެވެ. އެގޮތުން އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރަކީ އޮޅުވާލުމެއްގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ކުރާ ކަމެއް ކަމަށް އުމަރު އޭރު ވިދާޅުވެފައި ވެއެވެ. އަދި ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގައި ދިވެހި ސަރުކާރަށް ކޮންޓްރޯލް ނޯންނަ ކަމަށާއި އިންޑިއާއިން ރާއްޖޭގައި ބަހައްޓަމުން ގެންދާ ރާޑަރުތައް ބެލެހެއްޓުމުގެ ނަމުގައި ވެސް އިންޑިއާގެ އިތުރު ސިފައިން އަންނާނެ ކަމަށް ވެސް އުމަރު ކުރިން ވަނީ ތުހުމަތު ކުރައްވާފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ.