ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް މުހާތަބު ކުރައްވާފައިވާ ގޮތުން ޖަލުގައި ތަފާތު ކުރުން އޮންނަ ކަން ހާމަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހާރު ހުންނެވީ ވަރަށް ހާލުގައި ކަމަށާއި، ބައެއް އަސާސީ ހައްގުތަކުން އެމަނިކުފާނު މަހްރޫމްކޮށް ނުހައްގުން އަނިޔާ ދެމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތު ބަޔާން ކޮށްދިނުމަށް މިނިސްޓަރު އިމްރާން ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އިމްރާންގެ ޓްވީޓްގައި ވަނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަބުދުލްގައްޔޫމް "ނުހައްގުން" ބަންދު ކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ފަހު އެ ތަނުގައި ކަމަށެވެ.
އިމްރާންގެ ޓްވީޓްގައި މައުމޫނާއި، ނަޝީދަށް މުހާތަބު ކުރެއްވީ ރައީސްގެ ނަންފުޅު ކުރިއަށް ލައްވައިގެނެވެ. ނަމަވެސް ރައީސް ޔާމީނަށް މުހާތަބު ކުރެއްވީ ރައީސް މި ލަފުޒު ބޭނުން ނުކުރައްވައެވެ.
އެކަމަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ އަބުދުﷲ ޔާމީނަކީ ވެސް ރާއްޖޭގެ ކުރީގެ ރައީސެއް ކަމަށެވެ.
"ދެ ރައީސުންނަށް 'ރައީސް' ލާފަ، ނަމަވެސް ޔާމީންގެ ނަންފުޅުން ރައީސް ކަނޑާލީ ކީއްވެ؟ ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން، އެމަނިކުފާނު މިނިވަން ކުރަންޖެހޭ،" ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޝަހީމްގެ އެޓްވީޓަށް ވަނީ ބައެއް ފަރާތްތަކުން ރައްދުދެއްވައި އިމްރާން ދިފާއު ކުރައްވާފައެވެ. އެޓްވީޓްތަކަށް ރައްދުދެއްވައި ޝަހީމް ވިދާޅުވީ އިމްރާންގެ ޓްވީޓްގައި ތިން ރައީސުންނާއި މުހާތަބު ކުރެއްވި ގޮތުންވެސް ޖަލުގައި ތަފާތު ކުރުން އޮންނާނެކަން ދޭހަކޮށްދޭ ކަމަށެވެ.
ޝަރީޢަތުގެ ޙުކުމެއް ބޭއިންސާފުކަމަށް ބުނުން އެއީ ކޯޓްގެ ޙުރްމަތަށް ކިހިނެއް ވާނެ ކަމެއްބާ؟ލޯބިވިޔަސް މިވަރު ބޮޑު. ލޯބި ލޯކަނު އެއްޗަކަށްވަނީ.