ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މި މައްސަލައިގައި ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ބައްޕައަށެވެ. މި މައްސަލައިގައި ކުއްޖާއަށް ބައްޕަ ހެދި ގޮތުގެ އޯޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.
މި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ، މި މައްސަލަ ފުލުހުންނާ ގުޅިގެން އެ މިނިސްޓްރީން ބަލަމުންދާ ކަަމަށެވެ.
ސޯޝަލް މިޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި ކުއްޖާ ވަނީ އެ ކުއްޖާއަށް ދިމާވެފައިވާ ހާދިސާ ރޮމުން ގިސްލަމުން ކިޔައިދީފައެވެ. އެ ވާހަކަތައް ކިޔައިދެމުން ދާއިރު ކުއްޖާގެ އަޑުން އެތައް އިހުސާސްތަކެއް ފާހަގަވަމުން ދެއެވެ. ޖެހިލުން ވުމާއި އަޑުގައި ރިހުން ހުރިކަން އެނގެއެވެ. ކުއްޖާއާ ސުވާލު ކުރާ މީހަކަށް ބިރުން ހުރެ އެ ވާހަކަތައް ކިޔައިދެމުން އެ ކުއްޖާ ބުނީ އޭނާގެ ބައްޕަ އެ އަމަލު ހިންގަމުން ދިޔައީ އޭނާއަށް މަރުގެ އިންޒާރު ދެމުން ކަމަށެވެ.
ކުއްޖާ ހުންނަ ގޭގެ ދައްތައެއް ގާތު، ބައްޕަ ގެއަށް ނުވެއްދުމަށް ވެސް ބުނިކަމަށް ވެއެވެ. އަދި މަންމަ ހުންނަ ރަށަށް ދާން ބައްޕަގެ ހުއްދަ ލިބުނީ އެނބުރި އަންނާނެ ކަމަށް ބައްޕަ ގާތު ވައުދު ވުމުން ކަމަށް ކުއްޖާ ބުނެއެވެ.
މަންމަ ގާތަށް މަންމަ ދިރިއުޅޭ ރަށަށް ގޮސްފައިވެސް ކުއްޖާ ދެން ބައްޕަ ކައިރިއަށް އެރަށަށް ދާން ބޭނުން ނުވާ ކަމަށް މަންމަ ގާތު ބުނި ކަމަށް ކިޔައިދެއެވެ. ނަމަވެސް މަންމަ 'ކިހިނެއްވީތޯ' އެހީމައި ކުއްޖާއަށް ކުރިން މަރުގެ އިންޒާރު ބައްޕަ ދީފައި އޮތް ކަން ހަނދާންވުމުން މަންމަ ގާތު އެވާހަކަ ހިއްސާ ނުކޮށް "ކަމެއް ނުވެއޭ" ބުނި ކަމަށް އެކުއްޖާ ކިޔައިދެއެވެ.
އަދި ބައްޕަގެ ފަރާތުން ދިމާވި ކަންތައްތަކަށް ފަހު ކުއްޖާއަށް ނޭނގި ހުއްޓާ ގަޔަށް ބޮޑުކަމުދެވޭ ކަމަށް ވެސް ކުއްޖާ ބުނެއެވެ. އެ ކުއްޖާއަށް ދިމާވި ކަންތައް ކިޔައިދެމުން ދިޔައީ ރޮމުން ގިސްލަމުންނެވެ. އެ ކުއްޖާގެ އަޑުގައި ވޭނީ ރިހުމާއި ކެކުޅުންތައް ހުއްޓެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަަތަކާއި ކުދިން ރޭޕް ކުރާ މައްސަލަަތައް މިދުވަސްކޮޅު މިއަންނަނީ ފެންމަތިވަމުންނެވެ. މި ފަދަ މައްސަލަތައް ރިޕޯޓުކުރާ ފަރާތްތައް ގިނަވަމުން ދާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން މިރޭ މެދުރާޖެތެރޭގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖެއް 3 ފިރިހެނުންގެ ގޭންގަކުން ރޭޕް ކުރި މައްސަަލައެއްވެސް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ އިރު ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންނެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.