ޗައިނާގެ ވޫހާން ޕްރޮވިންސްގައި ތިބި 6 ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ހާލު އެ މިނިސްޓޜިއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި 6 ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާއިރު، ވޫހާންގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަންވެސް އެގައުމުން ވަނީ ދީފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ހުއްޓުވާފައިވާ ަކަމށާއި، ޗައިނާގެ އެހެން ހިސާބުތަކަށްވެސް މިވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.