އޭޝީއާގެ ގައުމުތަކުގެ ތެރެއިން ރާއްޖޭއަކީ އާބާދިއަށް ބަލާނަމަ އެންމެ ވަރި ގިނަ ގައުމެވެ. ކައިވެނީގެ ގުޅުމުން ދިރިއުޅުން ފެއްޓުމަށްފަހު ދަރިއަކު ލިބޭތާ މާގިނަ ދުވަހެއް ނުވަނީސް ދެމީހުންގެ ދެމެދުގައި އެތައް ހަމަނުޖެހުންތަކެއް ހިނގަން ފަށައެވެ. ހިޔާލު ތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކަށް އިހްތިރާމް ނުކުރުމާއި، ދެމީހުންގެ ދެމެދުގައި މުއާމަލާތް ކުރުމަށް ދަތިވާ ހިސާބަށްގޮސް މޫނު ކެނޑި ލޯބިން އެކީގައި އުޅެން ކައިވެނި ކުރި ދެމީހުންގެ ގުޅުން ނިންމާލަނީ ކޯޓުން ދޭ ވަރީގެ ސެޓްފިކެޓާ ހިސާބުންނެވެ.
ދަރިއަކު ލިބިފައިވާ ދެމަފިރިންގެ ކައިވެނި ރޫޅިގެން ދިޔަ ނަމަވެސް އެދެމުދުގައި އޮންނަ ގުޅުން އެއްކޮށް ކަަނޑައެއް ނުލެވޭނެއެވެ. ކުއްޖާގެ ހައްގުގައި ދެމީހުން ވާހަކަ ދައްކާ މުއާމަލާތް ކުރަން ޖެހެއެވެ. ކުއްޖާގެ އެތައް ބޭނުންތަކެއް ފުއްދުމަށް މައިންބަފައިން ގުރުބާން ވާން ޖެހޭ ހިސާބަށް ދެއެވެ.
6 އަހަރުގެ ކުއްޖަކު ގޮވައިގެން ބައްޕައަކު ފުރައިގެން ދިޔަ ވާހަކައަކީ މިދިޔަ ހަފްތާތެރޭގައި ފެންމަތިވެގެން އައި ވާހަކައެކެވެ. ދެމަފިރިންގެ ކައިވެނި ރޫޅުނުތާ ފަސް އަހަރުވާން އުޅޭއިރު އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ކުއްޖާގެ މަންމަ އަދި މަންމަ ފަރާތު މާމަ ކައިރީ ތ. ތިމަރަފުށީގައެވެ. ދަރިފުޅު ހޯދަން ބައްޕަ 2016 ވަނަ އަހަރު މ. މުލަކު ކޯޓަށް ހުށަހަޅާފައި ވާއިރު، ކޯޓުން މައްސަލަ ބަލާ ނިންމީ ކުއްޖާގެ ހަޟާނަތު ކުއްޖާގެ މަންމަ ފަރާތު މާމައަށް ހަވާލުކުރާށެވެ. ހަޟާނަތުގެ މައްސަލަ ކުއްޖާގެ ބައްޕަ ހުށަހަޅާފައި ވަނީ 5 މެއި 2016 ގައެވެ. އަދި މި މައްސަލަ ބަލައި ނިމުނު ތާރީހަކީ 16 އޯގަސްޓް 2016 އެވެ.
ކުއްޖާ ގޮވައިގެން ބައްޕަ ފުރައިގެން ދިޔަ މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އަށް ކުއްޖާގެ މަންމަ އާއި ބައްޕަ ވަނީ އިންޓަވިއު ދީފައެވެ. މި އިންޓަވިއުގައި ދެފަރާތުގެ އެތައް ޝަކުވާތަކެއް އެބަހުއްޓެވެ.
ކުއްޖާގެ އެއްބަނޑު ދައްތަގެ އެތައް ޝާކުވާއެއް:
ކުއްޖާގެ މަންމަ އަކީ ތ. ތިމަރަފުށި މީހެކެވެ. ކައިވެނިކޮށްގެން މ. މުލަކުގައި ދިރިއުޅުމަށް ފަހު ކައިވެނި ރޫޅުނު ފަހުން އޭނާ ވަނީ ތިމަރަފުއްޓަށް ބަދަލުވެފައެވެ. 6 އަހަރުގެ ދަރިފުޅުގެ އިތުރުން އޭނާގެ ދެކުދިން ހުރެއެވެ. އެންމެ ބޮޑު ދަރިފުޅަކީ އެހެން މީހަކަށް ލިބިފައިވާ ކުއްޖެއް ކަމަށާއި އެންމެ ހަގު ދަރިފުޅަކީ މިހާރު އިނދެގެން އުޅޭ މީހާގެ ދަރިއެއް ކަމަށް ކުއްޖާގެ މަންމަ ބުނެއެވެ.
ތިން އަންހެން ކުދިން ތިބި އިރު އެންމެ ދޮށީ ކުއްޖާގެ އުމުރަކީ އަށް އަހަރެވެ. ދެން ހަ އަހަރުގެ ދަރިފުޅާ ޖެހިގެން ހުންނަނީ އެއް އަހަރާއި 10 މަހުގެ ކުއްޖެއް ކަމަށް އޭނާ ބުނެއެވެ. ކުއްޖާގެ މަންމަ ބުނީ 6 އަހަރުގެ ދަރިފުޅު ގޮވައިގެން ބައްޕަ ދިއުމުން އެކަމުގެ ހިތާމަ އުފުލަނީ އޭނާ އެކަނި ނޫން ކަމަށެވެ. 8 އަހަރުގެ އަންހެން ދަރިފުޅަކީ 6 އަހަރުގެ ދަރިފުޅާ އެކު ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރާ ކުއްޖެއް ކަމަށް އޭނާ ބުނެއެވެ. ދެކުދިން ކައިބޮއެ ހެދުމާއި ނިދުމުގެ އިތުރުން ޤުރުއާން ކިޔެވުމާއި ނަމާދު ކުރުމާއި ކާޓޫން ބަލައި ފިލާވަޅު ހަދަންވެސް ތިބޭނީ އެކީގައި ކަމަށް އޭނާ ބުނެއެވެ.
6 އަހަރު ކުއްޖާގެ ބައްޕަ އެކުއްޖާ ގެންދިޔަތާ މިއަދަށް 20 ދުވަސް ވެފައިވާ އިރު ދައްތަގެ ދިރިއުޅުމަށް ފަޅު ކަމެއް އައިސް އޭނާ ހުންނަނީ ހިމޭންވެފައި ކަމަށް މަންމަ ބުނެއެވެ. ސްކޫލަށް ގޮސް ކުލާހުގައި މާ މަޑުން ހުންނަކަން ފާހަގަވާތީ ކިޔަވައިދޭ ޓީޗަރުވެސް އެ ޝަކުވާ ކުރާ ކަމަށް އޭނާ ބުނެއެވެ. ސްކޫލަށް ބަލާދާ ކޮންމެ ފަހަރަކު ކޮއްކޮ އައިސްފިހޭ ނާހާ ދުވަހެއް ނުދާކަމަށް ވެސް މަންމަ ބުނެއެވެ. ކޮއްކޮ ގެނެސް ދިނުމަށް އެދި އެތައް ސުވާލުތަކެއް ދައްތަ ކުރާ ކަމަށާއި އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އަދި ވިސްނައިދޭނެ ގޮތެއް ނޭނގޭ ކަމަށް އެކުދިންގެ މަންމަ ބުނެއެވެ.
ކޮޓަރިއަށް ވަނަސް ކުއްޖާގެ ހެދުމާއި ކުޅޭ އެއްޗެއްސާއި ފާރުގައި އެކުއްޖާ ކުރަހާފައި ހުންނަ ތަންތަން ފެނުމުން ރޮވޭ ކަމަށް އޭނާ ބުނެއެވެ. 20 ދުވަސް ވެގެން ދިޔަ އިރު އެކަމާ ހިތާމަކޮށް ނުނިދޭ ކަމަށާއި ދުވާލުވުމުން ޕޮލިހަށާއި ޖެންޑާއަށް ދިއުމުގެ އިތުރުން ރަށު ކޯޓަށްދާ ކަމަށާއި ފޯނުން ތަންތަނަށް ގުޅައިގެން ދަރިފުޅު އަނބުރާ ގެއަށް ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރަމުންދާ ކަމަށް ބުނެއެވެ.
ކުއްޖާ ގޮވައިގެން ބައްޕަ ފުރި ދުވަސް: ޖެނުއަރީ 5
ބައްޕަ ކުއްޖާ ގޮވައިގެން ގޮސްފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. ކުއްޖާގެ މަންމަ ބުނީ އެދުވަހު މެންދުރު 12:55 ހާއިރު ކުއްޖާ ގޮވައިގެން ބައްޕަ ދިޔަ ކަމަށެވެ. އަދި އޮޅުވާލައިގެން ކުއްޖާ ގޮވައިގެން ރަށަށް ދާކަންވެސް ހާމަނުކޮށް އޭނާ ކުއްޖާ ގޮވައިގެން ފިލީ ކަމަށް މަންމަ ބުނެއެވެ.
މި މަހުގެ 5 ވަނަ ދުވަހު ކުއްޖާ ގޮވައިގެން އޭނާ ދިޔައީ ކީއްވެތޯ ސުވާލު ކުރުމުން ބައްޕަ ބުނީ، މާމައަށް ގުޅުމުން މަންމަ ކުއްޖާ ގޮވައިގެން މާލެއަށް ދިޔަކަން އެނގުނު ކަމަށެވެ. ދަރިފުޅުގެ ހަޟާނަތު ގެއްލިފައިވާ މީހަކަށް އެ ދަރިފުޅު ގޮވައިގެން އެހެން ދެވިގެން ނުވާނެ ކަމަށް ބައްޕަ ތަކުރާރުކޮށް ބުނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި އެއަށް ފަހު ކުއްޖާ އޭނާއަށް ގުޅުމުން އޭނާ މާލެއަށް ދިޔަ ކަމަށާއި މާލެއަށް ގޮސް ކުއްޖާ ހުރި ގެ ކައިރިއަށް ގޮސް 45 ވަރަކަށް މިނެޓުގެ މަޑުކުރަން ޖެހުނު ކަމަށްވެސް އޭނާ ބުނެއެވެ.
މީގެ ކުރިން އެތައް ފަހަރަކު ވެސް މުލަކު އަދި ތިމަރަފުށީ ޕޮލިހަށާއި ޖެންޑާއަށް، އެ ކުއްޖާ ބެލުމުގައި މަންމަ އާއި މާމަގެ އިހުމާލު އޮތްކަމުގެ މައްސަލަ ޖައްސާފައިވާ ކަމަށް ބައްޕަ ބުނެއެވެ. އަދި ޖެނުއަރީ 5 ވަނަ ދުވަހު ހުރި ހަމައެކަނި ދަރިފުޅު ފެނުމުން އޭނާއަށް ފުން އަސަރުތަކެއް ކުރި ކަމަށް ބުނެ ކުއްޖާ ގޮވައިގެން ރަށަށް ދިޔަ ސަބަބު ބައްޕަ ކިޔައިދިނެވެ. ރަށަށް ފުރާ ލޯންޗަކުން ދެބަފައިންނަށް ޓިކެޓް ނަގައިގެން އޭނާ މުލަކަށް ދިޔައީ، ކުރިން ޖެންޑާއާއި ޕޮލިހުގައި އޭނާ މައްސަލަ ޖައްސައިގެން އެކަމަށް އެދެވޭ ހައްލެއް ނުލިބުމުން ކަމަށް ވެސް ބައްޕަ ބުނެއެވެ.
ކުއްޖާގެ ގޮވައިގެން ބައްޕަ މުލަކަށް ދިޔަކަން ނުވަތަ ދާން ރާވާފައިވާ ކަން ކުރިން ނޭނގޭ ކަމަށް ކުއްޖާގެ މަންމަ ކިޔައިދިނެވެ. ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް މެމޯ ހައްދާފައި ވާނެ ކަމަށާއި ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖައްސާފައިވާ ގަޑިއަށް އޭޑީކޭއަށް ގޮސް ހުރެ ބައްޕައަށް ގުޅުމުން އޭނާ ފޯނު ނެގުމަށް ފަހު އޭނާ ހުރީ މުލަކުގައި ކަމަށް ބުނި ކަމަށް ކުއްޖާގެ މަންމަ ކިޔައިދިނެވެ.
މިކަމާ ސުވާލު ކުރުމުން ކުއްޖާގެ ބައްޕަ ބުނީ އޮންލައިން ނޫހަކަށް ކުރިން ކުއްޖާގެ މަންމަ ދީފައިވާ އިންޓަވިއުއަކީ މުޅިން ދޮގު އިންޓަވިއުއެއް ކަމަށާއި، މި މަހުގެ 5 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން މަންމަ މެމޯ ހައްދައިގެން ހޮސްޕިޓަލުގައި ހުރި ވާހަކައަކީ މުޅިން ދޮގު ވާހަކައެއް ކަމަށެވެ. އަދި އެއީ ދޮގެއްކަން ސާބިތުކޮށްދެވެން އެބަ އޮތްކަމަށް ވެސް ކުއްޖާގެ ބައްޕަ ބުނެ، ވަނީ ކުއްޖާ އޭޑީކޭއިން ޑޮކްޓަރަށް ދެއްކުމަށް ނެގި މެމޯ ފޭސްބުކް އިން ފެނިގެން އޭގެ ފޮޓޯގެ ސްކްރީން ޝޮޓެއް ނަގާފައި ކަމަށްވެސް ބުނެއެވެ.
ކުއްޖާގެ ބައްޕަ ވަނީ އޭނާ ނެގި މެމޯގެ ސްކްރީން ޝޮޓްވެސް ހިއްސާ ކޮށްފައެެވެ. އެ ފޮޓޯއިން ފެންނަގޮތުގައި އެ މެމޯ ކޮޅު ހައްދާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ނަމަވެސް ކުއްޖާ ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް ހަމަަޖެހިފައިވާ ދުވަހަކީ މި މަހުގެ ފަސްވަނަ ދުވަހެވެ. އެހެން ކަމުން ކުއްޖާގެ މަންމަ ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ނޫނެވެ.
ކުއްޖާ ގޮވައިގެން އޭނާ ފުރިކަން އެނގުމުން ކުއްޖާގެ މަންމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅިއެވެ. އަދި އެފަރާތުން ވަނީ ކުއްޖާ ދޭން ބައްޕަ އުޒުރުވެރިވާ ކަމަށް ބުނެ، ކޯޓު އަމުރެއް ހޯދުމަށް އެދިފައި ކަމަށް ކުއްޖާގެ މަންމަ ބުނެއެވެ.
ކުއްޖާގެ ބައްޕަގެ އިތުރު ޝަކުވާތައް:
ދެމީހުންގެ ކައިވެނި ރޫޅުމުގެ ކުރިންވެސް އެތައް މައްސަލަތަކެއް ހުރިކަމަށް ބުނެ ބައްޕަ ވަނީ ކުއްޖާގެ މަންމައަށް ހުރި ޝަކުވާތައް ވެސް ހިއްސާ ކޮށްފައެެވެ. ކުއްޖާ ނުބެލޭނެ ކަން ކުރިންވެސް އޭނާއަށް އެނގޭ ކަމަށް ބުނެފައި ވެއެވެ. ކުއްޖާ ގެނައި ފަހުން ކުއްޖާގެ ލޮލަށް ގެއްލުން ވެފައި ހުރި ކަމަށާއި ކުއްޖާގެ ޓޮންސިލް ދުޅަވެގެން ގޮސް ފަޅައިގެންދާން ކައިރިވެފައި ހުރިކަން ފާހަގަކޮށް ކުއްޖާގެ ބައްޕަ ވަނީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ދައްކާފައެެވެ.
މުލަކަށް ދަރިފުޅު ގެންދިޔަ ފަހުން އާދަޔާ ހިލާފް ކަންތައްތަކެއް ކުއްޖާގެ ފަރާތުން ފެނިފައިވާ ކަމަށް ވެސް ބައްޕަ ބުނެއެވެ. އެގޮތުން ނިދާފައި އޮންނައިރު ސިއްސަ ސިއްސައިގެން ދިއުމާއި، ކުރުގެޅިގެން އޮވެ ނިދުން ހިމެނެއެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ދަރިފުޅުގެ ލޮލަށް ކެމިކަލް އެޅިފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ބައްޕަ ބުނެއެވެ. އަދި ނަފްސާނީ ގޮތުން ކުއްޖާއަށް އެތައް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ވެއެވެ. ކުއްޖާގެ ބައްޕަ ބުނާ ގޮތުގައި ކުއްޖާގެ މަންމަ އާއި މާމަ އަންނަނީ ކުއްޖާއަށް އެތައް އަނިޔާތަކެއް ދެމުންނެވެ. ކުއްޖާއަށް ދިވެހި ބަހުގެ ބައެއް އަކުރުތައްވެސް ނޭނގޭ ކަމަށް ބައްޕަ ބުނެއެވެ.
މީގެ އިތުރުން ކުއްޖާގެ ބައްޕަ ބުނީ ކުއްޖާ މުލަކަށް ގެންދިޔަ އިރު ކުއްޖާ ހުރީ ވަރަށް ހިކިވެ އަނަރޫފަވެފައި ކަމަށާއި މިހާރު ކުއްޖާ ހުރީ ހަށިގަނޑު ރަނގަޅުވެ އުޖާލާވެފައި ކަމަށެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުން ދީފައިވާ ބޭސް ސިޓީގައި ކުއްޖާ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެދިފައިވެއެވެ. ނަމަވެސް ކުއްޖާގެ ލޮލަށް ކެމިކަލް ޒާތުގެ އެއްޗެއް އެޅިފައިވާ ކަމަކަށް އެ ބޭސް ސިޓީގައި ފާހަގަކޮށްފައެއް ނުވެއެވެ. ބޭސް ސިޓީގައި ކުއްޖާގެ ލޯ ރަތްވެފައިވާ ކަމާއި ދެތިން ދުވަހު ކުއްޖާއަށް ރަނގަޅަށް ނުނިދޭކަން ފާހަގަކޮށްފައި ވެއެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ކުއްޖާ ފުރަތަމަ ދައްކާފައި ވަނީ މިމަހު 7 ވަނަ ދުވަހަށް ވާއިރު އެ ބޭސް ސީޓީގައި ކުއްޖާގެ ބަރުދަނުގައި ހުރި ކަމަށް ލިޔެފައި އޮތީ 15.6 ކިލޯއެވެ. ފޮލޯއަޕްއަށް މި މަހުގެ 18 ވަނަ ދުވަހު ޑޮކްޓަރަށް ދައްކާފައިވާ އިރު އެ ބޭސް ސީޓީން ދައްކާ ގޮތުގައި ކުއްޖާގެ ބަރުދަނަކީ 15.3 ކިލޯއެވެ.
ދަރިފުޅު ރަނގަޅަށް ބަލަން ބޭނުންވާ ކަމަށާއި ހަރަދުކުރަން ތައްޔާރަށް ހުރިކަމަށް ބައްޕަ ބުނެއެވެ. ނަމަވެސް ކުއްޖާގެ ހަރަދަށް އޭނާ ފައިސާ ނުދޭ ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ އޭނާ ބަލިވުމުން ކަމަށެވެ. ކުއްޖާގެ ހަރަަދަށް ކުއްޖާގެ މަންމަގެ އެކައުންޓަށް ފައިސާ ފޮނުވާ ކަމަށް އޭނާ ބުނެއެވެ. އަދި މިހާރު އޭނާ ފައިސާ ފޮނުވަން ބޭނުންނުވާ ސަބަބެއް ކަމަށް ބުނަނީ އޭނާ މުލަކު ކޯޓަށް ފައިސާ ފޮނުވުމުން އެ ފައިސާ ތިމަރަފުށީ ކޯޓު މެދުވެރިކޮށް ކުއްޖާގެ މަންމަ އެކައުންޓަށް ޖަމާކުރާތީ ކަމަށެވެ.
ކުއްޖާގެ މަންމަގެ އިތުރު ޝަކުވާތައް:
ކުއްޖާގެ މަންމަ ބުނީ، ކުއްޖާގެ ބައްޕައަށް އިތުބާރު ނުކުރާ ކަމަށާއި އޭނާއަކީ ކައިވެނި ކޮށްގެން އުޅުނު އިރު އޭނާއަށް އަނިޔާ ކުރި މީހެއް ކަމަށެެވެ. އަދި ކައިވެނިކޮށްގެން އުޅުނު އިރު ގެއިން ނެރެލި ކަމަށާއި އެރަށުގައި އޭނާ އޭރު އުޅުނީ ކުއްޖާގެ ބައްޕަ ފަރާތު މާމައާ ތިމާގެ މީހެއްގެ ގޭގައި ކަމަށެވެ. ވަރަށް ހާލުގައި އެރަށުގައި އޭރު އުޅުނު ކަމަށާއި ދަރިފުޅަށް 8 މަހުގައި ވެސް ކުއްޖާ ގޮވައިގެން ބައްޕަ ފިލިކަމަށް މަންމަ ބުނެއެވެ. އަދި އެ މައްސަލަ މުލަކު ޖެންޑާ އާއި ޕޮލިހަށް އޭރު ހުށަހެޅި ކަަމަށް ވެސް އޭނާ ބުނެއެވެ.
މިހާ ހިސާބަށް އައި އިރު ކުއްޖާގެ ބައްޕައަކީ ކުއްޖާއަށް ގަވާއިދުން ހަރަދު ކުރި ބައްޕައެއް ނޫން ކަމަށާއި އެއް ފަހަރު 56،000 ރުފިޔާ ނުދައްކާ އޮތް ކަމަށާއި އޭރު އެ ފައިސާ މައާފުކޮށްދިނީ 10،000 ދެއްކުމުން ކަމަށް އޭނާ ބުނެއެވެ. އެއީ އެ ވަގުތު ކުއްޖާގެ މަންމަ ފަރާތު މާމަ ހައްޖަށް ދާންވެފައި އޮތުމުން ބައްޕައަށް ކޮށްދިން ހެޔޮކަމެއް ކަމަށްވެސް އޭނާ ބުނެއެވެ. ބައްޕަ ކައިވެނި ކުރީވެސް އޭގެ ފަހުން ހަރަދަށް ނުދައްކާ ހުރި 6000 ރުފިޔާ ދެއްކުމަށް ފަހު ކަމަށާއި އަދި އެ ކައިވެނި ކުރި ފަހުން ދަރިފުޅަށް ދޭންޖެހޭ ހަރަދު ނުދޭ ކަަމަށްވެސް މަންމަ ބުނެއެވެ.
ކުއްޖާގެ ހަރަދަށް ފައިސާ ހޯދުމަށް މަންމަ ވަނީ ކޯޓަށް މައްސަލަަތައް ހުށަހަޅާފައެވެ. އެގޮތުން 29 ޑިސެމްބަރު 2015 ގައި ހުށަހެޅި މައްސަލަ ބަލައި ނިމިފައިވަނީ 23 މާޗް 2016 ގައެވެ. ހަމައެއާއެކު 9 އޭޕަރިލް 2019 ގައިވެސް ކުއްޖާގެ ހަރަދު ހޯދުމަށް މައްސަލަ ހުށަހަޅާފައި ވާއިރު އެ މައްސަލަ ނިމިފައި ވަނީ 28 އޭޕްރިލް 2019 ގައެވެ. މީގެ އިތުރުން ސާބިތު ހަރަދު ހޯދުމަށް ކުއްޖާގެ މާމަ 16 ޑިސެމްބަރު 2019 ގައި ހުށަހަޅާފައި ވެއެވެ. މި މައްސަލަ ނިންމާފައިވަނީ 31 ޑިސެމްބަރު 2019 ގައެވެ.
މިއަހަރު ގްރޭޑް އެކަކަށް ދިޔަ ދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަންމަ ބުނީ، އެ ދަރިފުޅު ބައްޕަ ގެންދިއުމަކީ ބޮޑު މައްސަލައެއް ކަމަށާއި މައްސަލަ ޖައްސާ ކޯޓު އަމުރެއް ގެންދާށޭ ބުނުމުން އެ ގެންދިޔައިމަވެސް ދަރިފުޅު ލިބޭ ގޮތް ނުވި ކަމަށެވެ.
ދަރިފުޅު ހުރީ ރައްކާތެރި މާހައުލެއްތޯ ބަލަން ޖެންޑާއިން އައިސް އަވަހަށް ބެލުމަށް އެދި މަންމަ ވަނީ ގޮވާލާފައެވެ. ތަހުގީގު ކުރުމުގެ މަސައްކަތް އަވަސްކޮށް ދިނުމަށާއި އޭނާގެ ތައުލީމީ ހަޔާތުން ގެއްލިގެންދާ ކޮންމެ ދުވަހަކީ އަނބުރާ ލިބޭނެ ދުވަހެއް ނޫން ކަމަށް އޭނާ ބުނެއެވެ.
6 އަހަރުގެ ކުއްޖާއަކީ ވަރަށް މޮޅަށް ޤުރުއާން ކިޔާވާ ކުއްޖެއް ކަމަށް މަންމަ ބުނެއެވެ. ގްރޭޑް އެކަކަށް ދިޔައިރު އޭނާ ކިޔަވަމުން ދަނީ ހަތިމުގެ ދެވަނަ ފޮތް ކަމަށާއި އަދި ސްކޫލުގައި ވެސް އޭނާއަކީ ކްލާހުގެ "ނަމްބާ ވަން" ކުއްޖާ ކަމަށް މަންމަ ބުނެއެވެ.
ކުއްޖާއަށް ކިޔަވައިދިން ޓީޗަރުންގެ ވާހަކަތައް:
ތިމަރަފުށީގައި ކުއްޖާ ހުރި އިރު މަންމަ އަދި މާމަ ދަރިފުޅަށް އިހުމާލުވެފައިވާ ކަމަށް ބައްޕަގެ އެތައް ޝަކުވާތަކެއް ހުރުމުންނާއި ކުއްޖާ ހުރީ ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށްވެސް އޭނާ އައީ ބުނަމުންނެވެ. އެހެންކަމުން ދެން ކުއްޖާގެ ކިޔެވުމާއި އެހެނިހެން ކަންކަން ބެލުމަށްޓަކައި މިދިޔަ އަހަރު އެ ކުއްޖާއަށް ކިޔަވައިދިން ދެ މުދައްރިސަކާ ވެސް ސުވާލުކޮށްލީމެވެ.
މިދިޔަ އަހަރު އޭނާ ތައުލީމް ހާސިލްކުރީ ޕްރީ ސްކޫލްގެ ޔޫކޭޖީ ގައެވެ. ޕްރީ ސްކޫލުގައި ކިޔަވައިދިން ދެ ޓީޗަރުންގެ ތެރެއިން 5 އަހަރުގެ ތަޖުރިބާ ހުރި ޓީޗަރު ބުނީ، އެއީ ވަރަށް މޮޅު އަދި ވަރަށް ބަސްއަހާ ރަނގަޅު ދަރިވަރެއް ކަމަށެވެ. ކުލާހުގައި ކުރާ މަސައްކަތްތައް ބަރާބަރަށް ނިންމާ ކަމަށާއި ކިޔެވުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށް ވެސް އެ ޓީޗަރު ބުނެއެވެ.
ކުއްޖާގެ ފަރާތުން ނަފްސާނީ ގޮތުން އެއްވެސް ކަހަލަ މައްސަލައެއް ފާހަގަ ނުވާ ކަމަށާއި އެފަދަ ކަމެއް ހުރި ނަމަ ފާހަގަކުރަން ޓީޗަރުންނަށް އެނގޭނެކަމަށް އޭނާ ބުނެއެވެ. އަދި އެ ދަރިވަރުގެ ބެލެނިވެރިޔާއަކީ ސްކޫލްގެ ކަންކަމުގައި ބައިވެރިވާ ބެލެނިވެރިއެއް ކަމަށާއި، ދަރިވަރު ސްކޫލަށް ބަރާބަރަށް ގަޑިއަށް ގެނެސް އަދި ގަޑިއަށް ބަލާ އަންނަ ބެލެނިވެރިއެއްކަން ވެސް ޓީޗަރު ފާހަގަކުރިއެވެ.
ޕްރީ ސްކޫލް ކުދިންނަށް ކިޔަވައި ދިނުމުގައި 16 އަހަރުގެ ތަޖުރިބާ ހުރި ޓިޗަރެއް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އެއީ އެކުލާހުގައި ކިޔެވި ކުދިންގެ ތެރެއިން އެންމެ މޮޅު ފަސްކުދިން ހޮވާލައިފި ނަމަ އެކުދިންގެ ތެރޭގައި ހިމެނޭ ނަމޫނާ ދަރިވަރެއް ކަމަށެވެ. ހިތްއަލި ކިޔަވާ ހިތުން ކިޔަވާ އަދި އެހާމެ ބަސްއަހާ ކުއްޖެއް ކަމަށް އެ ޓީޗަރުވެސް ބުނެއެވެ. ދަރިވަރުގެ ބެލެނިވެރިއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭ ކަން ޓީޗަރު ފާހަަކުރިއެވެ. އަދި ކުއްޖާ ބަލައި އަންނާނީ މަންމަ ނުވަތަ މާމަ ކަމަށާއި ގަޑިޖެހިގެން ދުވަހަކު ވެސް ބަލައި އައިސްފައިވާ ކަަން ފާހަގަ ނުކުރެވޭ ކަމަށް ބުނެއެވެ.
ހަމައެއާ އެކު ކުއްޖާގެ ކިބައިން އަނިޔާއެއް ލިބިފައި ހުރިކަން އެއްވެސް ޓީޗަރަކަށް ފާހަގަނުވާ ކަމަށާއި، ކުއްޖަކަށް އަނިޔާ ލިބޭ ކަމަށް ވާނަމަ އެކަން ޓީޗަރުންނަށް ފާހަގަ ކުރެވޭނެ ކަމަށް ބުނެއެވެ. މިދިޔަ އަހަރުގެ ރެކޯޑުތަކަށް ބަލާއިރު ކުއްޖާގެ ކިޔެވުން ފެންނަނީ ވަރަށް ރަނގަޅުކޮށެވެ. އުމްރާނީ އަދި ނަފްސާނީ ތަރައްގީއަށް ކުއްޖާއަށް ކިޔަވައިދިން ޓީޗަރުން ދީފައިވާ ކޮމެންޓްތައް ހުރީ ވަރަށް "ޕޮޒިޓިވް" ކޮށްކަން ފާހަގަކޮށްލެވެއެވެ.
6 އަހަރު ވަންދެން ކުއްޖާ ބަލަމުން އައި މައިމީހާގެ އަތުން ކުއްޖާ ގެންގޮސް ހުރުމަކީ ކުއްޖާއަށް އެތައް ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. މި މައްސަލައިގައި ނޭދެވޭ އަސަރު މިކުރަނީ އެންމެ ކުއްޖަކަށް ނޫނެވެ. އެކަމުގެ ނޭދެވޭ އަސަރު 8 އަހަރާއި 6 އަހަރުގެ ދެބެއިންނަށް ވެސް ދަނީ ކުރަމުންނެވެ. މިފަދަ މައްސަލަތައް އަވަހަށް ބަލާ ކުއްޖާއަށް އިތުރު ގެއްލުމެއް ވިޔަ ނުދީ ރައްކާތެރިކަމުގެ މާހައުލަށް ފޯރުކޮށް ދިނުމަށް ޖެންޑާއިން އަދި ޕޮލިހުން މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ރޫޅިގެން ދާ ބައެއް ކައިވެނިތަކުގައި ލިބިފައިވާ ދަރިންނަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރާ ފަހަރު އާދެއެވެ. ދެމަފިރިއަކު ދުރުވުމުން ދެފަރާތުގެ އާއިލާއިން އެކުދިންނަށް ދޭންޖެހޭ އެއްބާރުލުމާއި، ޒިންމާތައް އަދާކުރުމާއި އަދި ލޯތްބާއި އަޅާލުން ދިނުމުގައި އިހުމާލުވެވޭ ފަހަރު އާދައެވެ. މައްސަލަތައް ބޮޑުވެގެން ގޮސް ކޯޓާ ހަމައަށް ދެވެއެވެ. 7 އަހަރު ފުރުމުން ކުއްޖާ ކޯޓަށް ހާޒިރުކޮށް "ކުއްޖާ ދާން ބޭނުންވަނީ މަންމާއާ އެކުތޯ ނުވަތަ ބައްޕައާ އެކުތޯ" އަހާއިރު އެ ކުއްޖާއަށް އެކަމުން ކުރާނެ ނޭދެވޭ އަސަރު ވިސްނާ ނުލަންތޯއެވެ. އެހިސާބުން މަޖުބޫރުވެ ނިންމުން މި ހާމަކުރަނީ ކުއްޖާގެ އެންމެ 7 އަހަރުގައެވެ. މިފަދަ މައްސަލަ ތަކުން ކުއްޖާއަށް ނަފްސާނީ ގޮތުން ކުރާނެ އަސަރުތަކާ މެދު ވިސްނާލާ ބެލެނިވެރިން ނޫޅެނީ ހެއްޔެވެ.
ކުއްޖާގެ މަންމަ އަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސް އަހާ މީ ހުނަށް އަޅާލާ ހިން ހެޔޮ މައެއް.ސްކޫލް ދައުރުގަ ހިނގި ކަން ކަމާ. މިފަހަކުން ދައުރުވި ކަންކަމުން މަންމަގެ ހެޔޮކަން ފާހަގަ ކުރެވެއްޖެ. ދެމީހުން ވަކިވާން ޖެހުމަކީ ދަރިންނަށް އަނިޔާ ވެރި ވާން ޖެހޭ ކަމެއް ނޫން.
ބައްޕަ ކުއްޖާ ގެންދިޔަ ކަމަށް ފާޅުގައި އިއުތިރާފްވާ އިރު ފުލުހުންނަށް އަތު ނުލެވުނީ ކީއްވެ. ކޯޓުން ހަޟާނަތު އޮތީ މާމައަށް. އއަސްލު ފުލުހުންނަށް ކޯޓުގެ ނިންމުމަށް ގޮތް ނުނިއްމެންޏާ އެއީ މައްސަލައެއް. ދެން އެހެންވިއްޔާ ބައްޕަ އަތުގައި ކުއްޖާ އޮއްވާ މަންމައަށް ވެސް ކުއްޖާ ގެންދެވީދާނެ. އޭރުންވެސް ފުލުހުންނަކަށް ކުއްޖާ ނުހޯދޭނެ. ހަމަޖެހޭނީ ކޯޓު އަނުރެއް ހޯދައިގެން ތެޅި ބާލަން. ރަށު މީދާ ރަށަށް ގަދަ ވާނޭ ބުނާ އުސޫލުން ބައްޕަ ސައިޑަށް ބުރަވެފަ މުއައްސަސާ ތިއޮތީ. މަންމައާ ދަރިފުޅަށް އިންސާފު ހޯދައިދޭން ރައްޔިތުން ނުކުންނަންވީ.
ޓީޗަރުންނަށް އެނގޭނެ ކުއްޖާއަށް ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ކުއްޖާއަށް ގެއްލުން ލިބިފަ ހުރިއްޔާ. ހާއްޞަކޮށް އެހާ ތަޖުރިބާހުރި ޓީޗަރުންނަށް. ޓީޗަރުން ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ކުއްޖާ އަކީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ލިބެމުންދާ ކުއްޖެއް.
މި ލިޔުން ކިޔާލީމަ އެބަ އެނގޭ ކުއްޖާގެ ބައްޕަ އެ ހަދަނީ ހުސް ދޮގުކަން. ތިއޮތީ ބޭސް ސިޓީ އާއި މެމޯ އާއި އެއްޗެހި ފެންނަން. އެވަރުންވެސް ދޮގުހެދޯތޯ މި ފިރިހެންވެރިން ބަލާނީ. ދަރިންނަށް ޚަރަދު ނުދެވެންޏާ ނުހޯދަބަލަ ދަރިން.
ޚަރަދު ނުދޭ ބަފަޔަކު، އަމުދުން އަތުން ފައިން މަސައްކަތެއް ނުކުރާ ބަފަޔަކު ކޮންމެ އެއްޗެކޭ ކިޔާފަވެސް ދަރި އަތުލަން އުޅޭނެ. ހަޤީޤަށް ބަލާއިރު ގިނަފަހަރު އޮންނާނީ ޚަރަދު ހޯދަން ކޯޓަށް ހުށަހަޅާތީ އެކަމުން ރެކެން ކުރާ ކަމެއް ކަމަށްވެފައި
މިހާރު ކުއްޖާ އެ ހުންނަ ކުއްޖާގެ ބައްޕަގެ ކޮއްކޮ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް. އޭނާ ވެސް އުޅެނީ އެގޭގައި. ކޮބާ ދެން ކުއްޖާގެ ބައްޕަގެ ގެ ރައްކާތެރި ވެފައި
ތި ކުއްޖާގެ މާމަ އަކީ އަޅުގަނޑު ރަނގަޅަށް ދަންނަ މީހެއް. އޭނާ އަކީ ވަރަށް ރަނގަޅު މީހެއް. އަލަކަށް ނޫން އޭނާގެ މާމަ ދަރިއެއް ބަލަމުން އެ އަންނަނީ. ވަރަށްވެސް ހިތްހެޔޮ މީހެއް އެއީ. މިކަމަށް ތިމަރަފުށީ ރައްޔިތުން ހެކިދޭނެ.
ކުއްޖާގެ ބައްޕް މި ހަދަނީ ހުސް ދޮގު. ރަނގަޅު ބައްޕައަކަށް ވެވޭނީ ހަރަދު ކުރެވިގެން. ކުދިން ހޯދީމަ ނިމުނީކީ ނޫން. ޔަގީނޭ ކޮންމެ ފަހަރަކު ކުއްޖާ ހޯދަން މީނަ ދުވެފަ އެއޮތީ ހަރަދު ހޯދަން އުޅުނީމަކަން
ތިޔަ ބުނީ ހެޔޮކޮށް