ސިއްހީ ހާލަތު ހުރި ގޮތުން ވިސާ ހަމަޖައްސާދެވެން ނެތްކަމަށް ބުނެ އޮސްޓްރޭލިއާއިން ޑީޕޯޓްކޮށްލަން އުޅުނު، ދިވެހި ކުޑަކުއްޖެއް ކަމަށްވާ އުމުރުން 3 އަހަރުގެ ކައިބާން ޖަމްޝާދަށް ވިސާ ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅިގެން މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ، އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މެރީސް ޕޭނަށް ޝުކުރު އަދާކުރައްވާފައެވެ. ޝާހިދު ވިދާޅުވީ، އޮސްޓްރޭލިއާ އިން ކައިބާން އަށް ބޭނުންވާ ފަރުވާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭނާ ވަނީ ކައިބާން އާއި އާއިލާ އަށް ހެޔޮ އެދުންތައް ވެސް ފޮނުއްވާފައެވެ.

އޮސްޓްރޭލިއާގެ ބާންބްރީގައި މަސައްކަތްކުރަމުން އަންނަ ޢާއިޝަތު ޝިޒްލީން އޭނާގެ ދަރިފުޅު ކައިބާން ޖަމްޝާދު އުރާލައިގެން/ފޮޓޯ: އާއިލާ

ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ކައިބާންއަށް އަބަދާ އަބަދު ސިއްހީ އަޅާލުން ބޭނުންވެއެވެ. ސިކުނޑިއަށް ލިބުނު އަނިޔާގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުން ގެއްލުމާ، ފިޓު ޖެހުމާ، ހެދިބޮޑުވުމަށް ހުރަސްތަކެއް ކުރިމަތިވުމާއި ނުރައްކާތެރި ސިއްހީ އެތައް މައްސަލައަކާ ކައިބާންއަށް ކުރިމަތިލާންޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކައިބާންއަށް ބޭނުންވާ ސިއްހީ ފަރުވާއަކީ މިވަގުތު ދިވެހިރާއްޖެއިން ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އަދި ރާއްޖޭގައި ދިރިއުޅެން ޖެހުމަކީ ކައިބާންގެ ފުރާނައަށް އިންތިހާއަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ މީހުންނަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެއެވެ.