ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލުތައް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވަނީ "ދިޔަރެސް" ނޫހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރައީސް ސޯލިހް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލް ހޯދައި، އެމައުލޫމާތު ހޯދުމަށް އައިކޮށް އަށް ހުށަހެޅި ފަރާތަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ރައީސް އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30 އަށެވެ.

އެނޫހުން ވަނީ އެހަރަދު ތަކުގެ ތަފްސީލްގެ ފޮޓޯއެއް ޓްވީޓް ކޮށްފައެވެ. ހަރަދުތަކުގައިވާ ގޮތުން އެ ދަތުރުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ ޓިކެޓަށް ވަނީ 2،057،536،86 ރުފިޔާ ހަރަދުވެފައެވެ. އަދި އެ ދަތުރުގައި ވަޑައިގެންނެވި ހުރިހާ ފަރާތްތައްވެސް ދަތުރު ކުރައްވާފައި ވަނީ ބިޒްނަސް ކްލާހުގައެވެ.

ރައީސްގެ ހުރުމާއި ފަރިއްކޮޅަށް 1،855،388.2 ރުފިޔާ ހަރަދުކުރައްވާފައިވާ އިރު، ޕޮކެޓު މަނީގެ ގޮތުގައި 141،595 ރުފިޔާ ވަނީ ހަރަދުކުރައްވާފައެވެ. އަދި އެކްސެސް ބެގެޖަށް 6،168 ރުފިޔާ ހަރަދުވެފައިވާ އިރު އިންސިޑެންޝަލް އަށް 98،652.04 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ބައިވެރިވި ވިލާ ސްކޫލުގެ ދަރިވަރު ވިސާ ހޯދަން ލަންކާއަށް ކުރި ދަތުރަށް 12،492 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެއެވެ.