އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި ހައިޖާނު ބޮޑު އިސްލާހު (ސީއޭއޭ) ތަންފީޒު ކުރުން ހުއްޓުވުމުގެ ވަގުތީ އުމުރެއް ނެރެދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފިއެވެ.

ސީއޭއޭއާއި ދެކޮޅަށް ގިނަ އަދަދެއްގެ ޕެޓިޝަންތަކެއް ހުށަހަޅާފައިވާއިރު 1 މަސްދުވަހުގެ ތެރޭގައި އެހުރިހާ ޕެޓިޝަނަކަށް ޖަވާބުދާރީ ވުމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ އެގައުމުގެ ސަރުކާރުގެ މައްޗަށް ހުކުމް އިއްވާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާއެކު މުޅި އެ ގައުމުގައި ވަނީ ވަރުގަދަ، ސިލްސިލާ މުޒާހަރާތަކެއް ފެށިފައެވެ. މި މުޒާހަރާތަކާ ގުޅިގެން ހިންގި އެކި ހަމަނުޖެހުންތަކުގައި މިހާތަނަށް 30 މީހެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

ސީއޭއޭގެ މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނާ ބެހޭ ސުޕްރީމްކޯޓުގެ ވަރުގަދަ ބެންޗަކަށް މި ގާނޫނު ރިއާޔަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސީއޭއޭއާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަންތައް ބުނާ ގޮތުގައި އެއީ ޣައިރު ގާނޫނީ އިސްލާހެކެވެ. އެ އިސްލާހަކީ ވަކި ދީނަކަށް ބަލައިގެން ރަށްވެހިކަން ދޭ ގާނޫނެއް ކަމަށާ، އެއީ އިންޑިއާގެ ގާނޫނު އަސާސީގެ އަސްލާ ހިލާފު ރޫހެއް ކަމަށްވެސް ޕެޓިޝަންތަކުގައި ވަނީ ފާހަގަކޮށްފައެވެ. ސީއޭއޭއާ ދެކޮޅަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ސިޔާސީ ޕާޓިތަކާ، މަދަނީ ޖަމާއަތްތަކުގެ އިތުރުން މުސްލިމުންގެ އިއްތިހާދީ ގުރޫޕުތައްވެސް ހިމެނެއެވެ.