ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމޮތީ ސޯޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

ނަޝީދާއި ޓިމޮތީ ސޯޔާ ބައްދަލުކުރައްވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ސޯޔާ ބީއެމްއެލްގެ ސީއީއޯ ކަމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.

ޓިމޮތީ، ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ އިނގިރޭސި ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ގެ މަގާމުގައި ހުންނެވުމަށް ފަހުއެވެ.

އިނޮވޭޓް ޔޫކޭގެ ކުރިން ޓިމޮތީ މަސައްކަތް ކުރެއްވީ ސްޓާޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގައެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރަން ޓިމް ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް ވަނީ ރާނީ އެލިޒަަބަތުގެ ފަރާތްޕުޅުން ކޮމާންޑަރު އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑާ އޮފް ދި ބްރިޓިޝް އެންޕަޔާ (ސީބީއީ) އެވޯޑް އަރުވާފައެވެ.