ދީބަޖާގެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ދައުލަތުން ނިންމައިފިއެވެ.

މިކަމަާއި ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް ވިދާޅުވެފައިވާތީ، އާންމު މަސްލަހަތަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ދީބާޖާ މައްސަލާގައި މި މަހުގެ 15ވަނަ ދުވަހު ސިވިލް ކޯޓުގައި އަޑުއެހުމެއްވެސް ތާވަލުކުރިއެވެ. ނަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ. ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް އޭރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކުގައި އެކަން ކުރަން ބޭނުންނުވާ ކަމަށާއި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތައް ގެނެސް ދެއްވުމަށް އޭޖީ މަޖިލިސް މެންބަރުންގެ ކިބައިން އެދިލެއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓު ބެންޗު ބަދަލުވި ފަހުންވެސް އެކަން ސުޕްރީމް ކޯޓަށް ރިވިއު ކުރާކަށް ދައުލަތުގެ ފަރާތަކުން ހުށަހަޅާފައި ނުވެއެވެ.

މިކަމާއި ގުޅިގެން ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މިދިޔަ ނޮވެމްބަރު މަހުގެ އޮތް މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ، ދިބާޖާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ނުކުރީ އެއަށް އިތުރު ބަދަލެއް ސުޕްރީމް ކޯޓުން އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށެވެ. މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ރިފްއަތު ހާޒިރު ކުރީ ކުރިން މާލިއްޔަތު ކޮމެޓީގައި އެ ހުކުމް ރިވިއު ކުރާނެ ކަމަށް ވިދާޅުވެފައި އޮތް ނަމަވެސް އެ ހުކުމް ރިވިއު ނުކޮށް 174 މިލިއަން ރުފިޔާ ދީބާޖާއަށް ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމުމުންނެވެ.

"އެޓާނީ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި މި އޮންނަނީ މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އޭ އެހެންވީމަ އެއީކީއެއް ރަނގަޅު ގޮތެއް ނޫނޭ އަދި އެއީ މަގުބޫލު ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ނުކުރާ ކަމަށް. އެހެންވީމަ ދެން ދަށު ކޯޓުން ކޮށްފައިވާ ހުރިހާ ކަމެއް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމަނީ. އެހެންވީމަ މައުޟޫއީ ގޮތުން މި މައްސަލާގައި ސުޕްރީމް ކޯޓަށް ދިޔަސް ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތަތީ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ އަދަދަށް ބަދަލެއް އަތުވެދާނެ ކަމަކަށް އޭގެ ޒާތުގައި" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން، 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.