ނޭޕާލްގެ ފަރުބަދަމަތީ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިންޑިއާގެ 8 ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވި 8 ފަތުރުވެރިންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ބޮޑެތި 4 މީހުންނަކީ ދެމަފިރިންގެ 2 ޖޯޑުކަމަށް މައުލޫމާތު ލިބެއެވެ.

ހިމާލަޔާސް ފަރުބަދައިގެ ފުރިހަމަ މަންޒަރު ބަލާލެވޭ ގޮތަށް ހުންނަ ޑަމާން ހޮޓަލްގައި މި 8 މީހުންވެސް ތިބީ 1 ކޮޓަރިއެއްގައެވެ. އެމީހުން ފެނުނުއިރު އެމީހުންގެ ހޭ ނެތް ކަމަށާ، މަރުވީ، ވައިގެ މަގުން ކަތްމަންޑޫއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުންގެ ތަރުޖަމާނު ޝައިލީޝް ތާޕާ ޗެތްރީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެމީހުން ގެންދެވުނު ހޮސްޕިޓަލް ފޯ އެޑްވާންސްޑް މެޑިސިން އެންޑް ސާޖަރީގެ ޑޮކްޓަރެއް ކަމަށްވާ ކަމާލް ތާޕާ ވިދާޅުވީ، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހުންގެ ފުރާނަ ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ޗެތްރީ ވިދާޅުވީ އެމީހުން މަރުވީ ނޭވާ ހާސްވެގެން ކަމަށް ބެލެވޭ ކަމަށާ، ނަމަވެސް ކަށަވަރުކޮށް ސަބަބު ބަޔާން ކޮށްދެއްވޭނީ އޮޓޯޕްސީ ރިޕޯޓް ލިބުމުން ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގެ އޮފިޝަލަކު ވިދާޅުވީ މަރުވި 8 މީހުން ތިބި ކޮޓަރީގައިވެސް ޖައްސާފައި ހުރީ ގޭސް ބޭނުންކޮށްގެން ހޫނުކުރާ ހީޓަރެއް ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވި 8 މީހުންނަކީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާއިން ނޭޕާލްއަށް ދަތުރުކުރި 15 މީހުންގެ ގުރޫޕެއްގައި ހިމެނުނު 8 މީހުންނެވެ.