6 އަހަރުގެ ކުއްޖާ ގެންދަން އުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއްތޯ ބަލަން ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިއަދު މީސް މީޑިއާގައި 6 އަހަރުގެ ދަރިފުޅު ގޮވައިގެން ކުއްޖާގެ ބައްޕަ ފުރައިގެން ދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި ބައްޕަ ގޮވައިގެން ދިޔަ 6 އަހަރުގެ ކުއްޖާއަކީ އަންހެން ކުއްޖެކެވެ.

އޮންލައިން ނޫހަކުން ބުނެފައި ވަނީ، އެ ކުއްޖާ ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް ކުއްޖާގެ މަންމަމެން މާލެއަށް އައިސް ތިއްބާ ބައްޕަ 6 އަަހަރުގެ ދަރިފުޅު ގޮވައިގެން ބޭރަށް ދިޔަގޮތަށް މާލެއިން ފުރައިގެން އޭނާ ދިރިއުޅޭ ރަށަށް ވަނީ ގޮސްފައި ކަމަށެވެ. އެހިސާބުން ކުއްޖާގެ މަންމަގެ ރަށު (ތ. ތިމަރަފުށި) ކޯޓުން، ކޯޓު އަމުރެއް ނެރެގެން އެމީހުން ކުއްޖާގެ ބައްޕަގެ ރަށަށް ދިޔަ ކަމަށާއި ކުއްޖާ ލިބޭނެ ކަމުގެ ފޮނި އުންމީދުގައި ތިބި ނަމަވެސް ފުލުހުންނަށް، ބައްޕަ ކުއްޖާ ހަވާލުކޮށްފައި ނުވާ ކަމަށް މީޑިއާއިން ބުނެއެވެ.

މި މައްސަލައާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދަނީ ކުއްޖާ ކުރިން ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްތޯ ބެލުމަށް ތަހުގީގު ކުރަމުން ކަމަށެވެ. ތިމަރަފުށީ ކޯޓުން ނެރުނު އަމުރުގައި ވަނީ، ފުލުހުންނަށް ކުއްޖާ ހަވާލުކުރުމަށް ކަމަށާއި އަދި އެ އަމުރުގައި ވަކި މުއްދަތެއް ދީފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން ތިމަރަފުށީ ކޯޓުން ނިންމާފައިވާ އަމުރު އިސްތިއުނާފް ކުރުމަށް ވަނީ ހުށަހަޅާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

6 އަހަރުގެ ދަރިފުޅު ގޮވައިގެން ކުއްޖާގެ ބައްޕަ ފުރައިގެން ދިޔަ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ ތަހުގީގުން ބެލިބެލުމުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ކުއްޖާ މިހާރު ހުރި ރައްކާތެރި މާހައުލެއްގައި ކަން ޖެންޑާއިން ކަށަވަރު ކޮށްދޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ކުއްޖާ ކުރިން ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްތޯ ކަށަވަރު ކުރެވެން ދެން އަދި ކޯޓު އަމުރެއްގައި ވަކި މުއްދަތެއް ޖަހާފައި ނެތުމުން ކޯޓު އަމުރު ތަންފީޒު ކުރުން ވަނީ ފަސްކުރެވިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދެ ރަށަކަށް އުފަން ދެމަފިރިންގެ ކައިވެނި ރޫޅުމަށް ފަހު ލިބުނު ދަރިފުޅު ހުރީ ކުއްޖާގެ މަންމަ ގާތުގައެވެ. ނަމަވެސް ކުއްޖާގެ މަންމަ ކައިވެންޏެއް ކުރި ހިސާބުން ކުއްޖާގެ ބައްޕަ ވަނީ ކުއްޖާގެ ހަޟާނާތަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ނިމުނު އިރު ކުއްޖާގެ ހަޟާނަތު ލިބިފައިވަނީ ކުއްޖާގެ މަންމަ ފަރާތު މާމައަށެވެ. ކުއްޖާގެ މާމައަށް ކުއްޖާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު ކުއްޖާގެ ބައްޕަގެ ރަށް (މ. މުލަކު) ކޯޓުންނެވެ.