ސްރީލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންނަކީ މަރުވެފައިވާ ބައެއް ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެއެވެ.
ދާހިލީ ހަނގުރާމައިގެ ތެރޭގައި ގެއްލިފައިވާ 20000 އަށްވުރެ ގިނަ މީހުންނަކީ މަރުވެފައިވާ ބައެއް ކަމަށް ގޮތަބާޔާ ވިދާޅުވެފައިވަނީ، ސްރީލަންކާއަށް މިހާރު ވަޑައިގެން އުޅުއްވާ އދގެ މަންދޫބަކާ، ވެރިރަށް ކޮޅުނބުގައި ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުން ކަމަށް ޚަބަރު ލިބެއެވެ.
ގޮތަބާޔާގެ އޮފީހުން އާންމުކުރި ބަޔާނެއް ބުނާ ގޮތުގައި، ގެއްލިފައިވާ މީހުންނަކީ މަރުވެފައިވާ ބައެއް ކަމުގައި ކަނޑައަޅާ، އެމީހުންގެ މަރުގެ ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ދާހިލީ ހަނގުރާމައިގެ ތެރޭގައި ގެއްލިފައިވާ މީހުންނަށް ވީ ގޮތެއް ހޯދުމަށް، އެމީހުންގެ އާއިލާތަކުން އެތައް ސަތޭކަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ގިނަ މީހުން އުއްމީދު ކޮށްގެން ތިބީ އެމީހުންގެ އާއިލާ މެމްބަރުން ދިރިދުނިޔޭގައި ތިބި ކަމަށެވެ. އެމީހުން ގަބޫލުކުރަމުން ދިޔަ ގޮތުގައި، ގެއްލިފައިވާ އާއިލާ މެމްބަރުން ތިބީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި، ކޮންމެވެސް ހިސާބެއްގައި ހައްޔަރުކޮށްފައެވެ. ނަމަވެސް، މިއީ ސްރީލަންކާގެ ސަރުކާރުން އިންކާރު ކުރާ ފިކުރެކެވެ.
ސްރީލަންކާގައި ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރަމުންދިޔަ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި 2009 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ތަމަޅަ ޓައިގަރުން ބަލި ކުރުމަށް ހަމަލާ ދެމުންދިޔައީ ސްރީލަންކާގެ އަސްކަރިއްޔާއިންނެވެ. އެ ދުވަސްވަރު ސްރީލަންކާގެ ދިފާއީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސް ގޮތަބާޔާއެވެ.
ސްރީލަންކާ ބައިބައިވެފައި އޮތީ ވެރިކަން ކުރަމުންދިޔަ ބުދިސްޓް-ސިންހަޅައިންނާ ތަމަޅަ ހަނގުރާމަވެރިންނާ ދެމެދުގައެވެ. ތަމަޅަ ބޭނުންވީ ވަކި ދައުލަތެއް އުފެއްދުމަށެވެ. މި ހަނގުރާމަގަނޑުގެ ތެރޭގައި 100000 އެއްހާ މީހުންގެ ފުރާނަ ގެއްލުނުއިރު، 20000 އެއްހާ މީހުންނަށް ވީނުވީއެއް ނޭނގި، ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ގިނައީވެސް ތަމަޅައިންނެވެ. ކަންމިހެން އޮތްއިރު، ސިންހަޅައިންގެ މެދުގައި ގޮތަބާޔާއަކީ ބަތޮލެކެވެ. އަދި ތަމަޅައިންގެ މެދުގައި ގޮތަބާޔާގެ މައްޗަކަށް އިތުބާރެއް ނެތެވެ.
ގޮތަބާޔާގެ ސަރުކާރުން ދަނީ ހަނގުރާމައިގެ ތެރޭގައި މީހުން ގެއްލުވާލުމުގައި އެއްވެސް ދައުރެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް އިންކާރު ކުރަމުންނެވެ. އަދި ގޮތަބާޔާއަކީ ހަނގުރާމައިގެ ތެރޭގައި ޖަރީމާ ހިންގަވާފައިވާ ފަރާތެއް ކަމަށް ބުނެ އަމާޒު ކުރެވެމުންދާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ޚުދު އޭނާވެސް ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ ދާހިލީ ހަނގުރާމާގައި ހިނގާދިޔަ ކަންކަން ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އަޅަމުންދާއިރު، ސްރީލަންކާގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް ބުނަނީ، އެއީ އެގައުމުގެ ދާހިލީ ކަމެއް ކަމަށެވެ.