މިދިޔަ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ސުކޫލްގެ ޕްރިންސިޕަލް ދޫކޮށްލައިފިއެވެ.

ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ މާޅެންދޫ ސުކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމެވެ. އޭނާ ދޫކޮށްލާފައިވަނީ ނ. ހެނބަދޫ ކޯޓުންނެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އެ އަތޮޅު ލަންދޫ ކޯޓުން ޖެހި ހަތް ދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

ނަމަވެސް އޭނާ ދޫކޮށްލާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއްނުވެއެވެ.

ޔޫސުފް އާދަމް ހައްޔަރުކޮށްފައިވަނީ ލޯންޗަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމާއި ގުޅިގެނެވެ.

ޔޫސުފް، މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިކަން ފުލުުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.

ޔޫސުފް އާދަމް ދޫކޮށްލާފައިވާއިރު މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ތެރެއިން ކަމަދޫ ކައުންސިލްގެ ނައިބް ރައީސް ވަނީ މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައެވެ.