ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަ ކުރާ ސިވިސް ސާވިސް މުވައްޒަފުން ސަސްޕެންޑް ނުކުރާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކޮށްފި ނަމަ އަދި ކައުންސިލް އިންތިހާބުގައި ވާދަކޮށްފި ނަމަ ވެސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަންދެން އެ މުވައްޒަފަކު ސަސްޕެންޑް ކުރަން ޖެހެއެވެ.

ސީއެސްސީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ ޕްރައިމަރީގައި ވާދަކުރާ މުވައްޒަފުން ސަސްޕެންޑް ކުރަންޖެހޭ ގޮތަށް އޮތް މާއްދާ އަށް އިސްލާހު ގެންނަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ އޭޕްރީލް 4 ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފިނަމަ، އެ ދުވަހުން ފެށިގެން އެ މުވައްޒަފަކު ސަސްޕެންޑް ކުރެވޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑަ އަޅަން ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމުންނެވެ. އެހެން ބައެއް ޕާޓީތަކުން ވެސް އެ ޕާޓީއެއްގެ ޓިކެޓަށް އެދެން ފުރުސަތު ހުޅުވާލާފައިވެއެވެ.

މި އަހަރުގެ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ.