ބައިނަލްއަގުވާމީ ބާޒާރުގައި އަނެއްކާވެސް ތެލުގެ އަގުތައް އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިއަދު އުފުލެން ފަށާފައި މިވަނީ، އަސްކަރީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކާއެކު، ލީބިޔާގައި ތެޔޮ އުފައްދާ 2 މަރުކަޒެއް ބަންދުކުރަން ޖެހުމާ ގުޅިގެންނެވެ. ލީބިޔާއަކީ ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ފުޅާދާއިރާއެއްގައި ތެޔޮ ސަޕްލައިކުރަމުންދާ ގައުމަކަށްވާއިރު، މި ފިޔަވަޅާއެކު ލީބިޔާއިން ތެޔޮ ބޭރު ކުރާ މިންވަރު އިންތިހާއަށް ދައްވެގެންދާނެއެވެ.

މީގެ އިތުރުން، އިރާގުގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީވެސް މިހާރު ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި އަގުތައް އުފުލުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު އަނެއް ސަބަބެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ބްރެންޓް ކުންފުނިން ވިއްކާ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގުން 75 ސެންޓް ބޮޑުވެ، ފީފާއެއްގެ އަގު 65.60 ޑޮލަރަށް އަރާފައިވާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްއިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއަކުން 60 ސެންޓް ބޮޑުވެ، ފީފާއެއްގެ އަގު 59.14 ޑޮލަރަށް ވަނީ އުފުލިފައެވެ.

ލީބިޔާގައި ދާހިލީ ހަނގުރާމަ ދިގުލާ ގޮސްފައިވާއިރު، ތެލުގެ ސަޕްލައިއަށް ހުރަސް އަޅާފައިވަނީ ލީބިޔާގެ މައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރުގެ ނުފޫޒާ އެކުގައި ކަމަށް ޚަބަރު ލިބެއެވެ.