އިއްޔެ އެމްޕީއެލްގެ ބަހެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ހައިވޭ މެދެއްހާ ހިސާބަށް ބަހެއް ހުއްޓި ހާދިސާގައި އެ ބަހުގެ ޑްރައިވަރު އުޅުނީ ފޮޓޯ ނަގަން ކަމަށް އެ ދަތުރުގައި ބަހުގައި އިން ދަތުރުވެރިޔާ ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުމުރުން 54 އަހަރުގެ ދަތުރުވެރިޔާ ބުނީ ބްރިޖް މެދަށް ބަސް ހުއްޓީ މަސްލަހަތު ގެއްލޭ ކަމެއް ހިނގުމުން ކަމަށް އެމްޕީއެލުން ބުނެފައި ވަނީ މައުލޫމާތު ރަނގަޅަށް އޮޅުން ނުފިލުވާކަމަށެވެ.

އޭނާ ބުނީ ބަހަށް އެރުމުން މަތީ ބުރިއަށް އަރަން ސިޑިމަތީގައި ހުއްޓާ ބަަސް ދުއްވާލި ކަމަށެވެ. އަދި އެވަގުތު އެ ދަތުރުވެރިޔާ ބަހުގެ ޑްރައިވަރުގާތު އެގޮތަށް ކަންތަށް ކުރުމުން ސުވާލުކުރީމައި، ބަސް ޑްރައިވަރު ރުޅިއައީ ކަމަށް އޭނާ ކިޔައިދިނެވެ.

"ކޮއްކޯއޭ ދައްތަ ދެވަނަ ސިޑިމަތީ ހުއްޓައޭ ބަސް ތި ދުއްވާލީ"
ދަތުރުވެރިޔާ

ދަތުރުގައި ކަން ހިނގި ގޮތް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން އެ ދަތުރުވެރިޔާ ބުނީ ބަހުގައި އިށީންނާނެ ގޮނޑިއެއް ނެތިގެން ކޮޅަށްވެސް ހަތަރު ވަރަކަށް މީހުން ތިބި ކަމަށާއި އޭނާގެ 56 އަހަރުގެ ދައްތަގެ ފައިގެ އިނގިލި ބިންދައިގެންގޮސް އޮތުމުން ބަހުގެ ކޮންޑަކްޓާ ކައިރީ ގޮނޑިއެއްގެ ވާހަކަ ބުނުމުން އެވަގުތު ބަހުގެ ގޮނޑިއެއްގައި އިން ފިރިހެނަކު ތެދުވެ އެ ގޮނޑި ދިންކަމަށް އޭނާ ބުނެއެވެ. އެވަގުތު ބަހުގެ ޑްރައިވަރު ރުޅިއައިސް ބާރަށް ވާހަކަދަން ފެށި ކަަމަށް އެ ދަތުރުވެރިޔާ ކިޔައިދިނެވެ.

އަހަރެން ބުނިން އަންހެނުންނަސް ގޮނޑި ދޭންވާނުންހެ ފިރިހެނުން ކޮޅަށް ތިބެފައި އެހެން ބުނީވެސް އަހަރެންގެ ދައްތަގެ ފައިގެ އިނގިލި ބިނދިފަ ހުރީމަ ސިޑިން މައްޗަށް ނޭރޭނެތީއާއި ކޮޅަށް ނުހުރެވޭނެތީ. ބުނީމަ ކޮންޑަކްޓާ ބުނީ އެވެސް ކަސްޓަމަރުންނޭ އެހެންނެއް ނުހެދޭނެނޫންހޭ.
ދަތުރުވެރިޔާ

އެހެން ބުނުމުންވެސް ބަހުގެ ޑްރައިވަރު އެއްޗެހި ކިޔަމުން ގެންދިޔަ ކަމަށް އެ ދަތުރުވެރިޔާ ކިޔައިދިނެވެ. އަދި ދިވެހިންނަށް ރަނގަޅު އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ބަހުގެ ޑްރައިވަރު ބުނެ، އޭނާ ބަސް ހުއްޓާ ތެދުވެގެން އައިސް ފޮޓޯނަގަން އުޅުނު ކަމަށް ދަތުރުވެރިޔާ ކިޔައިދިނެވެ. ފޮޓޯ ނަގަން އުޅުމުން އަތުން ފޯނުގައި ޖެހީ ކަމަށާ، ފޮޓޯ ނުނެގޭނެ ކަމަށް ބުނި ކަމަށްވެސް ދަތުރުވެރިޔާ ކިޔައިދިނެވެ.

ފޮޓޯ ނަގަން އުޅުމުން އަތުން ފޯނުގައި ޖެހީމައި ފޯނު ވެއްޓުނު ކަމަށްވެސް ދަތުރުވެރިޔާ ކިޔައިދިނެވެ. އަދި އެވަގުތު ޑްރައިވަރު، އޭނަ ބަހުން ފައިބަން ބުނި ކަމަށާއި އެހިސާބުން ދަތުރުވެރިޔާގެ ރާގު ބަދަލުވީ ކަމަށް އޭނާ ކިިޔައިދިނެވެ.

ބުނަންހޭ ވާހަކައެއް. ކަލެއަކަށް އަހަރެން ނުބޭލުވޭނޭ! ޕޮލިހުން އައިސް ނޫނީ އަހަރެން މިތާކަށް މިރޭ ނުބޭލުވޭނޭ
ދަތުރުވެރިޔާ

ދަތުރުވެރިޔާ ކިޔައިދިން ގޮތުގައި އެ ބަހުގައި ގަޑިއަށް ތަންތަނަށްދާން ތިބި އެތަށް ބަޔަކު ތިއްބެވެ. އަދި އެ ހިތްހަމަ ނުޖެހުމުގައި އެކަހަލަ މީހުން ބަސް ދުއްވަން ނުވާނެ ކަމަށް އޭނާ ބުނި ކަމަށްވެސް ބުންޏެވެ.

އެވަގުތު ބަސް ދުއްވަން އިން ޑްރައިވަރު ބަހުން ފައިބާން ތަކުރާރުކޮށް ބުނި ކަމަށާއި އެމްޕީއެލްގެ މީހުންނަށް ގުޅާ ބަހުގައި މީހަކު "ޒުވާބު" ކުރާ ކަމަށާއި އޭނާ (ޑްރައިވަރު) އެ ބަހުގައި އެ ދަތުރުވެރިޔާ އިންދާ ނުދާނެ ކަމަށް ބުނި ކަމަށެވެ.

އެ ދަތުރުވެރިޔާ ބުނި ގޮތުގައި އޭނާގެ ކައިރީގައި ތިބި މީހުންނަށް އޭނާ ބަހުގައި "ޒުވާބު" ނުކުރާކަން އިނގޭނެ ކަމަށާއި ބަހުގެ ކޮންޑަކްޓާއަށްވެސް އެކަން އެނގޭނެ ކަމަށެވެ. ބަސް ހުއްޓައިގެން ބައިގަޑިއިރު ވަންދެން އޮތް ކަމަށާއި ފަހުން އެ ޑްރައިވަރު ޓްރެފިކް ޕޮލިހަށް ގުޅާ ރިޕޯޓުކޮށް ގެނައި ކަމަށް ދަތުރުވެރިޔާ ކިޔައިދިނެވެ.

ޕޮލިހުން އައުމުން އެމީހުން ގަބޫލު ކުރީ މައްސަލް ރިޕޯޓު ކުރި ފަރާތުން ދެއްކި ވާހަކަ ކަމަށާއި އަދި އެ ދަތުރުވެރިޔާ ޕޮލިހުން ކުރެން އެއީ އޭނައަށް ނޭހޭނެ ސުވާލެއްތޯ އެހުމުން ފުލުހުން ދަތުރުވެރިޔާގެ އަޑު ނާހާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. އެ ބަސް ހައިވޭ މަތީގައި މަޑުކޮށް، އެހެން ބަހަކަށް މީހުންތަށް އަރުވާ އެ ދަތުރުވެރިޔާ ހައިވޭމަތީ ޕޮލިހުންނާ އެކު ބެހެއްޓީ ކަމަށް އޭނާ ބުނެއެވެ. އަދި ޕޮލިހުން އޭނާ ގަދަކަމުން ގެންދަން އުޅުނު ކަމަށާއި އެވަގުރު ރުޅިއައިސް ގައިގައި އަތް ނުލެވޭނެ ކަމަށް ބުނި ނަމަވެސް ފުލުހުން އޭނަ ގަދަކަމުން ކާރަށް އަރުވަން މަސައްކަތް ކުރި ކަމަށްވެސް ބުނެއެވެ. އަދި އޭނާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީއެވެ. ފުލުހުން އޭނާ ދޫކޮށްލުމުން ގެއަށް ދެވުނު އިރު ރޭގަނޑު 10 ޖަހައިފި ކަމަށްވެސް އޭނާ ބުނެއެވެ.

މިއީ 6 ޖެހިއިރު އެރި ބަހެއް. ފަހުން ޕޮލިސްޓޭޝަނާއި ދޭތެރޭ ހިނގީ ކިހާއިރެއް ކަމެއް ނޭނގޭ. ދައްތަ ގެއަށް އައިއިރު 10 ޖަހައިފި. އެމީހުން އެތާ ބައިންދާފަ ގެއަށް ފޮނުވާލީ. ބަޔާނެއްވެސް ނުނަގާ.
ދަތުރުވެރިޔާ

އޭނާ ބުނީ ހައިވޭ މައްޗަށް ޑްރައިވަރު ބަސް ހުއްޓުމަކީ ފުލުހުންނަށް މައްސަލައަކަށް ނުވި ކަމަށާއި ޕޮލިހުންނަށް މައްސަލައަކަަށްވީ ޑްރައިވަރާ ސުވާލު ކުރުން ކަމަށެވެ. އަދި އޭނާ ބުނީ ބަހުގެ ޑްރައިވަރާއި ކޮންޑަކްޓާގެ ބަޔާން ހައިވޭގައި ހުއްޓައިގެން ނެގުނު ކަމަަށާއި ނަމަވެސް އޭނާގެ ބަޔާން ނުނެގި ކަމަށެވެ.

ހައިވޭ މަތީ ބަހައްޓަފަ ފުލުހުން ބުނީ މަށަކަށް ނުދެވޭނޭ ބަހުގައެއް. ޖެހޭނީ ކާރަށް އަރައިގެން ޕޮލިސްޓޭޝަނަށް ދާށޭ. ދައްތަގެ ވާހަކަ އަޑުއަހާށޭ ބުނީމަ ބުނީ ދައްތައަކަށް މިތާ ވާހަކައެއް ނުދެއްކޭނޭ. ޕޮލިސްޓޭޝަނަށޭ ދާން ޖެހޭނީ ފުލުހުން ބުނީ ބަޔާން ނެގޭނީ ޕޮލިސްޓޭޝަނަށް ގޮސްގެންނޭ. އަހަރެން ބުނިން އެ މީހުންގެ ބަޔާން ނެގެންޏާ އަހަރެންގެ ބަޔާން ނުނެގެންވީ ކީއްވެހޭ.
ދަތުރުވެރިޔާ

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ ރޭގެ ވަގުތެއްގައި ހުޅުމާލެއަށް ދިޔަ ބަހެއްގައި ހުރި އުމުރުން ދުވަސްވީ އަންހެނަކު ހުޅުމާލެއަށް އަވަހަށް ދާންވެގެން އެކަމާ ހިތްހަމަނުޖެހި ޒުވާބުކުރާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި އަންހެން މީހާ ވަނީ ހައިވޭ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނަސޭހަތް ދީވިފައި ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްޕީއެލުން ބުނެފައި ވަނީ ހައިވޭ މައްޗަށް ބަސް ހުއްޓާފައި ވަނީ ބަހުގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު، މަސްލަހަތު ގެއްލޭ ކަމެއް ހިނގުމުން، އެ ދަތުރު ކުރިއަށް ނުގެންދިއުމަށް ބަސް ޑްރައިވަރަށް ފެނުމުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން މިއަދު ފުލުހުންގެ އިތުރު ބަހެއް ހޯދުމަށް ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ.