މާލެއާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަދުތައް ނަގަން ފަށައިފިއެވެ.

ފުލުހުން ބުނީ، މާލެއާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަދުފަހަރުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރު ނުކޮށް އަޅާފައިހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ފުލުހުން އަދި ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ފަށައިފި ކަމަށެވެ.

އެގޮތުން މި މަސައްކަތް ފަށާފައިވަނީ މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށް ދިރާސާ ކުރުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު މަސް މާރުކޭޓު ހިމެނޭ ސަރަހައްދުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ ކަމަށް ފާހަގަކުރެވިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.