އެމްޕީއެލްގެ ބަހެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ސިނަމާލެ ބްރިޖުގެ މެދެއްހާ ހިސާބަށް އެ ބަސް ހުއްޓާފައި ވަނީ މަސްލަހަތު ގެއްލޭ ކަމެއް ހިނގުމުން ކަމަށް އެމްޕީއެލުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްޕީއެލުން ބުނީ، ބްރިޖު މައްޗަށް ބަސް ހުއްޓާފައި ވަނީ ބަހުގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު، މަސްލަހަތު ގެއްލޭ ކަމެއް ހިނގުމުން، އެ ދަތުރު ކުރިއަށް ނުގެންދިއުމަށް ބަސް ޑްރައިވަރަށް ފެނުމުން ކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން ސާފު ކުރުމަށް އެ ފަރާތުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ހުޅުމާލެއަށް ދިޔަ ބަހެއްގައި ހުރި އުމުރުން ދުވަސްވީ އަންހެނެއް ހުޅުމާލެއަށް އަވަހަށް ދާންވެގެން އެކަމާ ހިތްހަމަނުޖެހި ޒުވާބުކުރާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި އަންހެން މީހާ ވަނީ ހައިވޭ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނަސޭހަތް ދެވިފައި ކަމަށް ފުލުހުން ބުނެއެވެ

މާލެ އިން ހުޅުމާލެއަށް ރޭގެ ވަގުތެއްގައި ދުއްވާފައި ދިޔަ މި ބަސް ބްރިޖް މެދަށް ހުއްޓާފައި ވަނީ މީހުން ގިނަވެ، ގިނަބަޔަކު ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ބަހުގައި އިން އަންހެނަކު ބަހުގައި ތިބެ އެހެން މީހުންނާ ޒުވާބުކުރުމުގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބްރިޖް މައްޗަށް ބަސް ހުއްޓިތާ މާގިނަ އިރު ނުވަނީސް، އެ ސަރަހައްދަށް ފުލުހުން ގޮސް، ހިތްހަމަ ނުޖެހުން ފާޅުކުރި އަންހެން މީހާ ނޫން އެހެންމީހުން އެހެން ބަހަކަށް އަރުވައިގެން ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށެވެ.