މެދު ރާއްޖެތެރޭގެ ރަށެއްގެ 12 އަަހަރުން ދަށުގެ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ފިލައިގެން އުޅޭ ކަމަށާއި އޭނާ މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކަށް 28 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެމައްސަލައާ ގުޅިގެން އެފިރިހެން މީހާ ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ، 28 އަހަރުގެ މީހާ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ފަހު ފިލައިގެން އުޅޭ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އަދި އެކުދިންނަށް ޖިންސީ ގޯނާ ކުރި މީހާއަކީ އެކުދިންގެ ކުރީގެ ޅިއަނެއް ކަމަށްވެސް އެފަރާތުން ބުނެއެވެ.
ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މީހާ ފިލައިގެން އުޅޭއިރު، ދެކުނުގެ ރަށެއްގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ފިރިމީހާ ރޭ ހައްޔަރު ކުރުމަށްފަހު ބަންދަށް 15 ދުވަސް ވަނީ ކޯޓުން ޖަހާފައެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ ކުއްޖާގެ ކާފައާއި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްފައި ވަނީ އިހުމާލުވާ ކަމުގެ ތުހުމަތުގައެވެ. މި ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.