ދެ އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅުން ހުރި އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމުގައި ފުލުހަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ 108 ނަމްބަރު ފްލެޓް ކައިރީ ހިނގި ހަމަނުޖެހުމުގައި މެދު އުމުރުގެ އަންހެނަކަށް ފުލުހަކު ހަމަލާދިން ކަމަށްބުނާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާ މެންބަރަކަށް ފޯނުން ގުޅުއްވައިގެން ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ޓީމެއް އެއަންހެން މީހާއާ ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެހާދިސާއާ ގުޅިގެން އެއަންހެން މީހާގެ ދަރިއަކު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓްގައިވަނީ އޭނާގެ މަންމަ އެމީހުން ދިރިއުޅޭ ގޭގެ ކުރިމަތީ މަޑުކޮށްލައިގެން ހުރީ އިހުތިޖާޖުގައި ވާނުވާ ބަލަން ވެގެން ކަމަށެވެ. އަދި އެވަގުތު ފުލުހަކު އައިސް މުގުރު ބުރިން އޭނާގެ މަންމަގެ މޫނުގައި ޖަހާފައިވާ ކަމަށާއި އަދި ހުރިހާ އެންމެން "ހަމަ މިހާރު ގެއަށް ވަނުމަށް" ބުނި ކަމަށެވެ.
އޭނާ ބުނީ އޭގެ ފަހުން އޭނާ އާއި އޭނާގެ މަންމަ ބައިސިކަލް ތަކެއްގެ ތެރެއަށް ކޮށްޕާލާފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާގެ މަންމަ އަކީ ރޭޕިސްޓެއް ނޫން ކަމަށެވެ. ނަމަވެސް 2 އަހަރުގެ ކުޑަ ކުއްޖާގެ ބައްޕަ ފުލުހުންގެ ވެސްޓާއި ހެލްމެޓުގައި ގެންދިޔައިރު ގޭ ދޮރުމަތީހުރި އާންމު ރައްޔިތު މީހާއަށް ފުލުހުން އަމަލު ކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އޭނާ ވަނީ އޭނާގެ މަންމަ އަށް އަނިޔާ ލިބިފައިވާ ވީޑިއޯއެއް އެ ޕޯސްޓްގައި ހިމަނާފައެވެ. އެއިން ފެންނަ ގޮތުގައި އަންހެން މީހާގެ މޫނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި މުޅި ނޭފަތުން ވަރަށް ބޮޑަށް ލޭފައިބާފައިވާ މަންޒަރު ފެންނަން ހުއްޓެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ 108 ނަމްބަރު ފްލެޓް ސަރަހައްދުގައި ކުރިއަށްދިޔަ އިހްތިޖާޖު ހޫނުވެ އާންމުންނާއި ފުލުހުންގެ ކުރިމަތިލުމަކަށް ވަނީ ގޮސްފައެވެ. އެ ހަމަނުޖެހުމުގައި 27 މީހަކު ހައްޔަރު ކޮށްފައި ވާއިރު، މިހާރުވެސް 19 މީހަކު ތިބީ ބަންދުގައިއެވެ.