އުތުރުގެ ރަށެއްގައި އަންހެން ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިދިޔަ އަހަރުން ފެށިގެން އެކި ދުވަސްވަރު ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް އެމައްސަލާގައި މީހަކު ހައްޔަރުކޮށްފައި ވާކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ މިހާތަނަށްވެސް ފުލުހުން ހައްޔަރުކޮށްފައި ނުވާތީއާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އެރަށުގެ ބައެއް ރައްޔިތުން އިއްޔެ ވަނީ އިހުތިޖާޖެއްވެސް ކޮށްފައެވެ. އަދި އެމައްސަލާގައި ތުހުމަތު ކުރެވޭ މީހާ އަދިވެސް ދަނީ އުތުރުގެ އެއާޕޯޓެއްގައި ވަޒީފާއަދާ ކުރަމުންނެވެ.

އެމައްސަލާގައި ފުލުހުން ދެފަހަރެއްގެ މަތިން އެރަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އުތުރުގެ ރަށެއްގައި އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެފައި ވާއިރު، ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން 2 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އެކުއްޖާގެ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިގެ އިތުރުން މެދު ރާއްޖެތެރޭގެ ރަށެއްގެ 12 އަަހަރުން ދަށުގެ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.