ދެކުނުގެ ރަށެއްގައި 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާ އިރު ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އާއިލާ މެންބަރެއްކަން އެނގިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ކުއްޖާ ނިސްބަތްވާ ރަށުގެ މީހަކު ބުނީ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ފިރިމީހާ ކަމަށެވެ. މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި 5 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ ރަށުގެ ކައުންސިލްގެ ރައީސް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަދި މިހާތަނަށް އައި އިރު މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކޮށް ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށެވެ. ޖެންޑާއާއި ފުލުހުންގެ ޓީމެއް ގުޅިގެން މައްސަލަ ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން ދަނީ މި މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ބަލަމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

5 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ރޭގެ ވަގުތެއްގައި ހުށަހެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.

މީ މިފަހުން ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވި ދެވަނަ މައްސަލައެވެ. މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުއްޖާގެ ކާފައާއި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި 2 އަހަރުގެ ކުއްޖާގެ ބައްޕަ ފުލުހުން ހައްޔަރުކޮށްފައި ވަނީ އިހުމާލުވާ ކަމުގެ ތުހުމަތުގައެވެ. މި ތިން މީހުން ހައްޔަރުކޮށް ބަނދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.