ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަަލައަކާ ގުޅިގެން ރޭ ހަޔަރުކުރި ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖައިފިއެވެ.
ފުލުހުން ބުނީ، 33 އަހަަރުގެ ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ދީފައިވާ ކަމަށެވެ. ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފައިވަނީ ކުއްޖާއަށް އިހުމާލުވެފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ކުއްޖާގެ ކާފަ އަދި މުނިކާފަގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހާފައިކަމަށް ފުލުހުން ބުނެއެވެ.
ރޭ ފުލުހުންނާއި ޖެންޑާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ފުރަތަމަ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި ފުރަތަމަ މި މައްސަލަ ހުށަހަޅާފައި ވަނީ ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރު ކޮށްފައިވާތީ، ކުއްޖާ ދިރިއުޅެމުންދާ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާ ކަމަށް ބުނެ، މަންމަ ފަރާތު އާއިލާއިން ކުއްޖާއާ ހަވާލުވުމަށް އެދުމުން، ކުއްޖާގެ ބައްޕަ އެކަމަށް އިންކާރު ކުރި މައްސަލައެވެ.
މީގެ އިތުރުން މި މައްސަލަ ފެންމަތިވި ހިސާބުން ކުއްޖާގެ ބައްޕަ މާލެއަށް އައިސްފައިވާ ކަން "ދަ ޕްރެސް" އަށް ވަނީ ކަށާވަރު ވެފައެވެ. އަދި ކުއްޖާގެ ބައްޕަ ހުޅުމާލެ ފްލެޓެއްގައި ހުއްޓާ އެ ސަރަހައްދަށް އާންމުންގެ މީހުން އެއްވެ ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ. ރޭގެ ވަގުތެއްގައި ފުލުހުން އެ ފްލެޓުގައި ހުރި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވާ އިރު އެ ސަރަހއްދުގައި އިހުތިޖާޖު ކުރި 27 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ދެ އަހަރުގެ ކުއްޖާގެ މައްސަލަ އައުމާއެކު ކުއްޖާ ދިރިއުޅެމުން ދިޔަ މާހައުލަށް މިނިސްޓްރީގެ ކޭސް ވޯކަރުންނާއި ފުލުހުން ދިޔަ ކަމަށާއި މިނިސްޓްރީގެ ކޭސް ވޯކަރުންގެ ބެލުމުގެ ދަށަށް ކުއްޖާގެ މެޑިކަލް އެސެސްމެންޓް ހެދުމަށް ބުދަ ދުވަހުގެ ރޭ 8:45 ގައި ގެންގޮސް، އެރޭގެ 10:55 ގައި ސަރަހައްދީ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި ކުއްޖާ ޑޮކްޓަރަށް ދައްކައި ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާހައުލަކަށް ވަނީ ބަދަލުކޮށްފައެވެ.