ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މީހުން ޖަލަށްލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ އެމީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިމައްސަލައާއި ގުލިގެން އުމަރު ވިދާޅުވީ، މި މައްސަލަ ހައްލުކުރެވޭނީ ޖެންޑާ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވައިގެން ނޫންކަމަށާއި، އަދި ކުށްކުރި މީހުން ޖަލަށް ލައިގެންވެސް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ މި މައްސަލަ ހައްލު ކުރެވޭނީ ހަމައެކަނި އިސްލާމީ ޝަރީއަތުގައި ހިފައިގެން ކުށްކުރި މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށެވެ. އެއީ އެންމެންނަށް އިބުރަތަކަށްޓަކާ ކުރަންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ، މަގާމުގައި ހުރެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފެއިލިއާއެއް އޮތިއްޔާ އިސްތިއުފާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ދެ އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިނިސްޓަރު ޝިދާތާއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ އާންމުންގެ ބައެއް މީހުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް އެދި ގޮވާލާފަ އެވެ.

މި މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވަނީ ހައްޔަރުކޮށްފައެވެ. ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.